ޚަބަރު

މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވުމުން ޖާބިރުގެ ނަން އިއްވައިފި


  • ޖާބިރު ވަނީ ވަޒީރާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައި

  • މިއާއެކު ރިޔާސަތުން ނަސޭހަތްތެރިވި

  • އެކަމަށް ޢަމަލުނުކުރެއްވުމުން ނަން އިއްވެވި

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރައްވާ ސުވާލުކުރައްވަނިކޮށް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ތަޅުމުގައި އަޑުގަދަކުރައްވަމުން ގެންދެވުމުން އެ މެންބަރުގެ ނަން އިއްވައިފިއެވެ.

ސަޢީދު މަޖިލީހަށް ހާޒިރުކުރެއްވީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުންނެވެ. ނަމަވެސް ވަޒީރު ގޮނޑިކޮޅުގައި އިިންނަވަނިކޮށް ޖާބިރު ވަނީ އަޑުގަދަ ކުރައްވަން ފަށްޓަވާފައެވެ.

ޖާބިރު ވަނީ މޭޒު ކައިރިއަށް ވަޑައިގެންވެސް އަޑުގަދަ ކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ. ވަޒީރާ ސުވާލުކުރެއްވުން ރިޔާސަތުން ކުރިއަށް ގެންދަވަނިކޮށްވެސް ޖާބިރު ވަނީ އަޑުގަދަކުރައްވާ އެކަމަށް ހުރަސްއަޅުއްވާފައެވެ.

މިއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އަޑުގަދަ ނުކުރައްވާ ނިޒާމަށް ހުރުމަތްތެރިކޮށް ހިތުމަށް ޖާބިރަށް ތަކުރާރުކޮށް ނަސޭހަތް ދެއްވާފައެވެ. ނަމަވެސް އެކަމަށް ޖާބިރު އިޖާބަ ނުދެއްވުމުން އަސްލަމް ވަނީ ޖާބިރުގެ ނަން އިއްވަވާފައެވެ.

ނަން އިއްވެވުމުން ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައި އިށީންނަވައިގެންވެސް އަޑުގަދަ ކުރައްވާފައެވެ. އެހެންކަމުން ރިޔާސަތުން ނިންމެވީ ޖާބިރު މަޖިލިހުގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިޔަށް ގެންދިޔުމަށެވެ. މިއާއެކު ޖާބިރު ވަނީ މަޖިލިސް ދޫކުރައްވައި އަމިއްލައަށް ބޭރަށް ވަޑައިގެންފައެވެ.