ޚަބަރު

އެމާއި، ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ތަރައްޤީކުރާ ހެޗަރީގެ ބިންގާ އަޅައިފި


  • މިއީ މަލްޓި-ސްޕީޝީސް ހެޗަރީއެއް ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ފަހަރު

  • މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ އެކުއާ ބްރިޖް ގްރޫޕަށް

  • މި މަސައްކަތް ކުރިއަށްގެންދާނީ 2 ފިޔަވައްސަކަށް ބަހާލައިގެން

އެމާއި، ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ގއ. މާނަގަލާގައި ތަރައްޤީކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރު ވާރލްޑް ބޭންކުގެ އެހީގައި، ފެށި ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރާ ތަނެކެވެ.

ގއ. މާނަގަލާގައި ބޭއްވި ރަސްމިއްޔާތެއްގައި މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރ، އަޙުމަދު ޝާފިޢު އާއި ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީންއެވެ.

ޑިޒައިން، ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި ޓްރާންސްފަރ މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު، ދުބާއީގެ އެކުއާ ބްރިޖް ގްރޫޕްއާއި ހަވާލުކޮށްފައިވަނީ 27 އޮކްޓޫބަރު 2022 ގައެވެ. މިތަން ހިންގުން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 20 އަހަރުގެ މުއްދަތަކަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަލްޓި-ސްޕީޝީސް ހެޗަރީ ފުރަތަމަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް އަދި ދެވަނަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ ތެރޭގައި ހިމެނޭ ނާސަރީތަކާއި، ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި، ލެބޯޓަރީތަކާއި، މޫދު ކޮށިތައް ޤާއިމުކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިހެޗަރީން މަސްވެރިންނަށް ބޭނުންވާ އެމުގެ ބާވަތްތަކާއި، ކުދި ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، 1 މިލިއަން ކުދި ކަސްފާނަ އަދި 6 ލައްކަ ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިއީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކުރުމަށް މިނިސްޓްރީން ކުރިޔަށްގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، މަލްޓި-ސްޕީޝީސް ހެޗަރީއެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ ފަހަރެވެ.

މެރިކަލްޗަރގެ ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެއްގެ ގޮތުގައި މިނިސްޓްރީން ދެކެވަޑައިގަންނަވައެވެ.