ޚަބަރު

ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކޮށްފި


  • އަލީ އާދަމް ވަކިކުރީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓަކުން

  • އަލީ އާދަމް ވަކިކުރަން 46 މެމްބަރުން ވަނީ ވޯޓުދީފައި

ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ.

އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި ޖުޑިޝަރީ ކޮމިޓީންވަނީ މެޖިސްޓްރޭޓް ހާޒިރުކޮށް, ޖަވާބުދާރީވުމުގެ ފުރުސަތު ދީފައެވެ. މިމައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައެވެ. މިރިޕޯޓް މަޖިލީހުގައި ތަޅުމަށް އިއްވައިދިނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. މިރިޕޯޓުގައިވާ ގޮތުން މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އަލީ އާދަމް ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރިޕޯޓަށްފަހު މަޖިލީހުގައި ނެގި ވޯޓުންވަނީ އަލީ އާދަމް ވަކި ކުރަން ފާސްކޮށްފައެވެ. އަލީ އާދަމް ވަކިކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކޮށްފައެވެ. އެފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.

ޢަލީ އާދަމްއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ރިޔާޢަތްކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަކިގޮތެއް ކަނޑައަޅަންދެން، ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާކަމަށެވެ.