ޚަބަރު

ޔަހޫދީންގެ ހުއްޓުމެއް ނެތް ޢުދުވާނާ ގުޅިގެން ޣައްޒާއަށް އިންސާނީ އެހީ ވައްދަން ހުރަސް އެޅިފައި


ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގެ ދަށުން މެދުކެނޑުމެއް ނެތި ޣައްޒާގެ ރަށްތަަކަށް ބޮން އަޅަމުންދިޔުމުން އެ ސަހަރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި އދން ބުނެފިއެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ އަސްކަރީ ޓޭންކުފަހަރާއި މަތިންދާބޯޓުތައް ބޭނުން ކޮށްގެން ޣައްޒާގެ ދެކުނުގައިވާ ރަށްތަކަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުތަކުން އެ ރަށަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ވެސް ދަނީ ޚާން ޔޫނިސްގެ ރައްޔިތުން ދިރިއުޅޭ ގެދޮރަށް ބޮން އަޅަމުންނެވެ. މީގެ ތެރެއިން އެއް ޙަމަލާގައި ޢާންމުންގެ 22 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދުމަށް ޣައްޒާގެ ރައްޔިތުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙްގެ ރައްޔިތުން ބުނީ، އެ ރަށަށް ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. ނަމަވެސް، އެއީ ރައްކާތެރި ތަނެއް ކަމުގައި ޔަހޫދީ ފައުޖުން މީގެ ކުރިން ބުނެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެެއެވެ. ޔަހޫދީން އެހެން ބުނުމާ އެކު، ޚާން ޔޫނިސްގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ރަފަޙަށް ދަތުރު ކޮށްފައެވެ. ނަމަވެސް، ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ މީހުންނަށެވެ.

"ކަރަންޓެއް ނެތް. ކާބޯތަކެއްޗެއް ނެތް. ފެނެއް ނެތް. ތެލެއް ނެތް. ބޭސްފަރުވާއަށް ބޭނުންވާ ސާމާނެއް ވެސް މިހާރު ނެތް،" ރަފަޙްގައި ދިރިއުޅޭ މުޙައްމަދު ޢުބައިދު ކިޔައިދިނެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ބުނީ މުޅި ޣައްޒާގައި ވެސް ރައްކާތެރި އެންމެ އިންޗިއެއްހާ ތަންކޮޅު ވެސް ނެތް ކަމުގައެވެ. އަދި، ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ވައްދަން މަސައްކަތް ކުރި ނަމަވެސް، ޔަހޫދީންގެ ޙަމަލަތަކާ ގުޅިގެން އެ ތަކެތި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައެވެ. ބޮންތަކުގެ އިތުރުން ޣައްޒާގެ ރައްޔިތުން މިހާރު ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.

އ.ދގެ އިންސާނިއްޔަތާ ބެހޭ އިދާރާއިން ބުނީ ރަފަޙް ނޫން އެހެން ސަރަޙައްދުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް އިންސާނީ އެހީގެ ސާމާނު ގެންދެވޭނެ ގޮތެއް ނެތް ކަމުގައެވެ. މީގެ އިތުރުން، ޔަހުދީ ފައުޖުން ދަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ވެސް ޙަމަލަ ދެމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާން ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ވަދެ، އެ ތަނުގެ ތެރޭގައި އުދުވާންތައް ހިންގަމުންދާ ކަމުގައެވެ. އަދި، އެ ތަނުގައި ތިބި ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިން ހައްޔަރު ކޮށްގެން ގެންދަމުންދާ ކަމުގައެވެ.

މި ޙަމަލަތަކާ ގުޅިގެން ޣައްޒާގެ ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުންނާއި މުވައްޒަފުން އެހެން ތަނަކަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމުގައި ޣައްޒާގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މަންދޫބު ރިޗަރޑް ޕީޕަރކޯން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޣައްޒާގެ ހާލަތު އޮތް ގޮތުން ބޮޑު ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމުގައެވެ. ޣައްޒާގައި މިހާރު ޚިދުމަތް ދެމުން ދަނީ އެންމެ 11 ހޮސްޕިޓަލުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 18,200 އަށް އަރާފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50,000 އަށް އުފުލިފައެވެ. އެ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމުގައެވެ. ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތަކެއް ހާސް ބަޔެއްގެ ހަށިތައް ތާށިވެފައިވާ ކަމުގައި ވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.