ޚަބަރު

ސްވިޒްލެންޑުން ފަލަސްޠީނަށް ދޭ އެހީ މެދުކަނޑާލުން ކުށްވެރިކޮށްފި


ސްވިޒްލެންޑުން ފަލަސްޠީނުގެ ރެފިޔުޖީންނާ ބެހޭ އދގެ އިދާރާއަށް ދޭ އެހީތެރިކަން މެދުކަނޑާލުމުން އެ އިދާރާއިން އެ ކަން ކުށްވެރިކޮށްފިއެވެ. އެ ކަން ކުށްވެރިކުރައްވާފައިވަނީ ޖެނީވާގައި ބޭއްވި ދުނިޔޭގެ ރެފިއުޖީންނާ ބެހޭ ފޯރަމްގައި އެ އިދާރާގެ ކޮމިޝަނަރ ޖެނެރަލް ފިލީޕޯ ލަޓްޒަރީނީއެވެ.

"އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީތަކާ އެކު ވެސް ރެފިޔުޖީންނާ ބެހޭ އިދާރާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންޑު ނުލިބުން. ރެފިއުޖީންގެ ޙައްޤުތައް ހިފެހެއްޓުމަކީ ހަމައެކަނި އިންސާނީ އެހީތެރިކަމާއި ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާއެއް ނޫން. އެއީ އެހީދޭ ޤައުމުތަކުންވެސް ނަގަންޖެހޭ ޒިންމާއެއް" ސްވިޒަލެންޑްގެ އެ ފިޔަވަޅަށް އިޝާރާތްކުރައްވައި ފިލީޕޯ ވިދާޅުވިއެވެ. ޔަހޫދީން ފުރަބަންދުކޮށްފައިވާ ޣައްޒާގައި އެ އިދާރާގެ މަސައްކަތްތައް ކުރުމަށް ގާތްގަނޑަކަށް ނުކުޅޭދޭ ޙާލަތުގައި އޮތް ކަމަށް ފިލީޕޯ ވިދާޅުވިއެވެ.

ސްވިޒަލެންޑުގެ ފެޑެރަލް އެސެމްބްލީގެ ތިރިގެ ކަމަށްވާ ސްވިޒަލޭންޑްގެ ނޭޝަނަލް ކައުންސިލުން ވަނީ ރެފިޔުޖީންނާ ބެހޭ އިދާރާއަށް އަހަރަކު ދޭ 22.83 މިލިއަން އެމެރިކާ ޑޮލަރު މަދުކުރުމަށް ފާސްކޮށްފައެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއާއި ޙަމާސް ޖަމާޢަތާއި ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ވަޤުތީ ހިޔާތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. ހަނގުރާމަ ފެށި ފަހުން ރެފިޔުޖީންނާ ބެހޭ އިދާރާގެ 130 އަށް ވުރެ ގިނަ މުވައްޒަފުން ވެސް ވަނީ މަރުވެފައެވެ.

ޢަރަބި ޤައުމުތަކާއި ޔަހޫދީންނާއި ދެމެދު ކުރި ފުރަތަމަ ހަނގުރާމައަށް ފަހު 1949 ވަނަ އަހަރު އުފެއްދި ރެފިޔުޖީންނާ ބެހޭ އިދާރާއިން ޣައްޒާ، ހުޅަނގު އައްސޭރި، އުރުދުން، ސޫރިއާ އަދި ލުބުނާނުގައި ސްކޫލް ތަޢުލީމާއި ޕްރައިމަރީ ހެލްތުކެއާ އަދި އިންސާނީ އެހީ ހިމެނޭ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދެއެވެ.