ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވުމަށް ދޭ، އެމްއާރު ވެކްސިން އަލުން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ފަށައިފިއެވެ.
މި ވެކްސިން ދޭން ފަށާފައިވަނީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިންގެ ދަށުންނެއެވެ.
މި ކެމްޕެއިންގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ޢުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ މީހުންނަށް ވެކްސިން ދޭނެއެވެ. އަދި ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މިކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވިދާޅުވެއެވެ.
ހިމަބިހީގެ މައިގަނޑު ޢަލާމާތްތަކަކީ ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ފަދަ ޢަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ. އެހެންކަމުން އެއްވެސް މީހެއްގެކިބައިން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ.
މި އަހަރުގެ 2 މީހަކު މީސްލްސްއަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން އައްޑޫސިޓީން ފެނުނު ކޭސްގައި ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ދެނެގަނެވިފައިވާ ކަމަށާ، އެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައިނުވާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފު ކޮށްފައިވަނީ 1983ވަނަ އަހަރުއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް، ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ %95އަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020ވަނަ އަހަރު ރުބެއްލާ ވެސް ނައްތާލެފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް 2020ވަނަ އަހަރު ރާއްޖެއިން ޕީސީއާރު ޕޮޒިޓިވް މީސްލްސްގެ ކޭސްތައްފެނުމާއި ގުޅިގެން، އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ވެކްސިން ކެމްޕޭނެއް ފެށިއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމާއެކު މިކެމްޕެއިން މެދުކަނޑާލައިފައިވާއިރު މިއަހަރު ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.