ސަރުކާރުގެ އިސްމަގާންތަކުގައި ތިބި އަންހެން ބޭފުޅުންގެ އަދަދު އެންމެ ގިނައީ މިސަރުކާރުގައި ކަމަށް ރައީސުލްޖުމަހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފުރިހަމަކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމްތަކުގައި އަންހެން ބޭފުޅުން ތިއްބެވި ނިސްބަތް އެންމެ ގިނައީ މިސަރުކާރުގައި ކަމަށެވެ. އެއަދަދު އަދި ކުރިއަށްހުރި ދުވަސްތަކުގަ އިތުރުވާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
"މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ އިސްމަގާމްތަކަށް އައްޔަން ކުރެވިފައިވާ ބޭފުޅުންގެ އަދަދަށް ބަލާއިރު މިހާތަނަށް އައްޔަން ކުރެވިފައިވާ އަންހެން ބޭފުޅުންގެ އަދަދަކީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހުގައި ސަރުކާރުގެ ކުންފުނި ތަކުގެ އިސްމަގާމްތަކުގެ ނުވަތަ އެންމެ އިސްމަގާމްގަ އެންމެ ގިނަ އަދަދަކަށް އަންހެން ބޭފުޅުން ތިއްބެވި އަދަދު. އަދި ކުރިއަށްހުރި ދުވަސްތަކުގަ އިތުރަށްވެސް އިތުރު ކުރެވިގެންދާނެކަމަށް އުންމީދު ކުރެވޭ." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އިއްޔެގެ ނިޔަލަށް މިހާތަމަށް އެމްޑީން ނުހިމަނާ ދައުލަތުގެ ޑެޕިއުޓީ މިނިސްޓާރ ނުވަތަ އެއަށްވުރެ މަތީ މަގާމްތަކަށް ބަލާއިރު 22 އިންސައްތައަކީ އަންހެން ބޭފުޅުން ކަމުގައެވެ. މިއީ އެވްރެޖްކޮށް ނިމިދިޔަ ސަރުކާރުގައިވެސް ހުރި އަދަދުތައްކަން ފާހަގަކުރައްވަމުން ފިރުޒުލް ވަނީ އަންހެން ބޭފުޅުންގެ އަދަދު މަދުނޫންކަމަށް ވިދާޅުވެފައެވެ.
ފިރުޒުލް ވަނީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ހެދިފައިވާ އެކްޝަން ޕްލޭންގަވެސް މިއީ ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ސަރުކާރުގެ މަގާމުތަކުގެ އިތުރަށް ވިޔަފާރީގެ ދާއިރާ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ހާއްސަކޮށް އަންހެންބޭފުޅުންނަށް މަތީ މަގާމުތަކުގެ ފުރުސަތު މަދުކަންވެސް ފިރުޒުލްވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެކަންކަމަށް އިސްކަން ދެއްވާނެކަމަށް އީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.