ރާއްޖެއިން މީގެ އަހަރުތަކެއް ކުރިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވިދާޅުވީ، މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕެއިނުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނިފައިވާކަމަށެވެ.
އެ ބަލިޖެހިފައިވާ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ސަރަހައްދުތަކުން އައިސްފައިވާ ބައެއްކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މިއާއެކު އެރަށުގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެ އެޖެންސީގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ބަލި ހުރިތޯ ޔަޤީން ކުރުމަށް އިތުރު ޓެސްޓު ހެދުމާއި، މި ޓެސްޓުން ޕޮޒިޓިވްވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމު ކުރަމުން އަންނަކަމަށެވެ. އަދި މިކަމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއެކު މަޝްވަރާކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
"ފައިލޭރިއާ" އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.
1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި ،ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެއްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ، 2007 ވަނަ އަހަރުގައެވެ.
ފައިލޭރިއާ ރާއްޖެއިން ނައްތާލުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުން، ފައިލޭރިއާއަކީ މިހާރު ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ ފައިލޭރިއާއިން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ 2016 ވަނަ އަހަރުގެ މެއި މަހު ކަނޑައަޅާ އެކަން ދިވެހި ސަރުކާރަށް އަންގަވާފައެވެ.