ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސުން މިހާތަނަށް ފަލަސްޠީނުގެ 4،000 މީހުން ހައްޔަރުކޮށްފިއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ޔަހޫދީ އަސްކަރިއްޔާއިންނާއި ވަޒަންވެރިން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން އަންނަ ޙަމަލާތަކަށް އަލި އަޅުވާލައިފައެވެ. އޭގެ ތެރޭގައި މިހާރު ހިންގަމުންދާ ފަލަސްޠީނު ރައްޔިތުން ހައްޔަރުކުރުމުގެ ކެމްޕޭންތަކާއި ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންނާ މެދު ހިންގާ ޤަވާއިދާ ޙިލާފު ޢަމަލުތައް ވެސް ހިމެނެއެވެ.
އެ ބަޔާނުގައިވާ ގޮތުން އެންމެ ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލްޚަލީލުންނެވެ. އެ ސަރަޙައްދުން 1،000 މީހުން ހައްޔަރުކޮށްފައިވެއެވެ. ހުޅަނގު އައްސޭރިންނާއި އިރުމަތީ ޤުދުސުން ހައްޔަރުކޮށްފައިވާ އަންހެނުންގެ ޢަދަދު 150 އަށް އަރައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުކަން އޮންނަ ޔަހޫދީން ވެސް ހިމެނެއެވެ. އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ ދެ ސަރަޙައްދުން ވަނީ 225 ކުޑަކުދިން ހައްޔަރުކޮށްފައެވެ.
މުޅި ފަލަސްޠީނު ސަރަޙައްދުން ހައްޔަރުކޮށްފައިވާ ނޫސްވެރިންގެ ޢަދަދު ވަނީ 45އަށް މަތިވެފައެވެ. އޭގެ ތެރެއިން 32 ނޫސްވެރިއަކު އަދިވެސް ތިބީ ބަންދުގައެވެ. އަދި ބަންދުގައި ތިއްބައި ފަލަސްޠީނުގެ ހަ މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.