ޚަބަރު

ޔަހޫދީ އަސްކަރިއްޔާއިން ތިން އަސީރުން މަރައިލީ އަމާންދިދަ ނަގައިގެން ތިއްބާ


ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހަކަށް ޔަހޫދީ އަސްކަރިއްޔާއިން ޙަމަލަދީ އެ ތިން މީހުން މަރައިލާފައި ވަނީ އަމާންދިދަ ނަގައިގެން ތިއްބާކަން ހާމަވެއްޖެއެވެ. އެ މީހުންނަށް ޙަމަލަ ދެވިފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް، ޔަހޫދީ ސިފައިންް އެ މީހުން މަރައިލާފައި ވަނީ ހުދު ކުލައިގެ އަމާންދިދައެއް ހިފައިގެން ތިއްބާ ކަން ހާމަވެފައި ވަނީ، އެ މީހުންގެ މަރާ ގުޅޭ ގޮތުން ކޮށްފައިވާ ތަހުޤީޤަށެވެ.

މި ތަހުޤީޤާ ގުޅޭ ގޮތުން މީޑިޔާއަށް މަޢުލޫމާތު ދެމުން ޔަހޫދީ އަސްކަރިއްޔާއިން ބުނީ، ދަނޑިއެއްގައި ހުދު ކުލައިގެ ފޮތިކޮޅެއް އައްސައި، އަމާންދިދައެއް ހަދައި، އެ ދިދަ ވިހުރުވަމުން ދިޔަ ތިން އަސީރުންނަށް ޔަހޫދީ ފައުޖުގެ ސިފައިން ޙަމަލަ ދީފައި ވަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމުގައެވެ. އަދި، ޙަމަލަތަކުގައި ދެ މީހުން މަރުވުމާ އެކު، ތިންވަނައަށް ހުރި މީހާ ބޮނދައި، އޭނާގެ އަމިއްލަ ޤައުމުގެ ސިފައިން ދެމުން ދިޔަ ޙަމަލަތަކުން ސަލާމަތްވާން މަސައްކަތް ކޮށްފައިވާ ކަމުގައެވެ.

އެ ތިން މީހުން މަރައިލާފައި ވަނީ، ހަނގުރާމައިގެ މައިދާނުގައި ޔަހޫދީ ފައުޖުން އަމަލު ކުރަން ޖެހޭ ސިޔާސަތުތަކާ ޚިލާފަށް ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުންޏެވެ. އެ މީހުންގެ މަރާ ގުޅިގެން އެ މީހުންގެ ޢާއިލާގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ޢާންމުން ވަނީ ތެލް އަވީވުގައި ހުންނަ ޔަހޫދީންގެ ދިފާޢީ ވުޒާރާ ކައިރިއަށް ޖަމާވެ، ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫއާއި ޔަހޫދީންގެ އަސްކަރިއްޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފައެވެ.

ޔަހޫދީ ފައުޖުން މަރައިލާފައިވާ ތިން އަސީރުންނަކީ، އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން ހިންގި ޚާއްޞަ އަސްކަރީ ޙަރަކާތުގައި ރަހީނު ކޮށްފައިވާ 240 އެއްހާ ޔަހޫދީންގެ ތެރޭގައި ހިމެނޭ ތިން މީހުންނެވެ. ޙަމާސްއާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގިނަ ޢަދަދެއްގެ އަސީރުން މިނިވަން ކޮށްފައިވާއިރު، ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 100 އެއްހާ އަސީރުން ތިިބި ކަމަށްވެއެވެ. ޙަމާސްގެ އަސްކަރީ ޙަރަކާތުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 18,700 އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 50,000 އަށް އަރައެވެ.