ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ސަރަޙައްދެއް ކަމުގައިވާ ބިޔެލްގޮރޮދަށް ޓެރެރިސްޓު ޙަމަލަތަކެއް ދީފިއެވެ. މި ޙަމަލަތަކުގެ ފަހަތުގައި އޮތީ ފްރީޑަމް އޮފް ރަޝިޔާ ލީޖަންގެ ނަން ދީފައިވާ ޖަމާޢަތެކެވެ. ޔޫކްރެއިންގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި އެ ޖަމާޢަތަކީ ރަޝިޔާގެ ސަރުކާރާއި ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެކޮޅު ޖަމާޢަތެކެވެ.
ފްރީޑަމް އޮފް ރަޝިޔާ ލީޖަނަކީ ރަޝިޔާއިން ޓެރެރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ބުނީ، ބިޔެލްގޮރޮދަށް އަރައި ދީފައިވާ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ތިރިޔެބްރިނާ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާގެ ސިފައިންނަށް ކަމުގައެވެ. އަދި، ރަޝިޔާ ފައުޖުން ބޭނުން ކުރަމުން ދިޔަ މަރުކަޒު ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
މި ޙަމަލާގައި ރަޝިޔާ ސިފައިންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން އަދި ސާފެއް ނޫނެވެ. ނަމަވެސް، ތިރިޔެބްރިނާގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ޙަމަލަތަކެއް ދީފައިވާ ކަން ބިޔެލްގޮރޮދްގެ ގަވަރުނަރު ވިޗިލެސްލާފް ގްލަޑްފޯކް ކަށަަަވަރު ކޮށްދެއްވިއެވެ. މި ޙަމަލަތަކުގައި ޢާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ފްރީޑަމް އޮފް ރަޝިޔާ ލީޖަނަކީ 2022 ވަނަ އަހަރު އުފައްދާފައިވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ދީފައިވާ ޙަމަލަތަކުގައި ޢާންމުން ދިރިއުޅޭ ތިން ޢިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ގްލަޑްކޯފް ވިދާޅުވިއެވެ. މި ޙަމަލަތަކުގައި ބިޔެލްގޮރޮދުގެ 19 އަވަށަކަށް ގެއްލުން ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ފްރީޑަމް އޮފް ރަޝިޔާ ލީޖަނުން ރަޝިޔާގެ ރަށަކަށް ޙަމަލަތަކެއް ދީފައި މި ވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ޕުޓިން އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަންނަ މާރިޗު މަހު ބާއްވާ އިންތިޚާބުގައި ޕުޓިން ވާދަ ކުރައްވަން ނިންމަވާފައިވާއިރު، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ޕުޓިން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ފެންނަ ކަމުގައެވެ. އަދި، ރިޔާސީ ފަސްވަނަ ދައުރަކަށް އޭނާ އިންތިޚާބުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
އެއާ އެކު އުމުރުން 71 އަހަރުގެ ޕުޓިންގެ ވެރިކަން ޖުމުލަ 24 އަހަރަށް ދެމިގެންދާނެއެވެ. އޭނާ ވަނީ ރަޝިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ވެސް އަށް އަހަރު ވަންދެން ފުރުއްވާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޕުޓިންއަށް އޮތް ތާޢީދު އިތުރުވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. ރަޝިޔާގެ ރިޔާސީ އިންތިޚާބު ބާއްވާނީ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް، އެ އިންތިޚާބުގައި ޕުޓިންއާ ވާދަ ކުރާނެ ކަން މިހާރު ވެސް ދެ ކެނޑިޑޭޓަކު ވަނީ އިޢުލާނު ކޮށްފައެވެ. އެއީ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ބޮރިސް ނަޖީރްދިންއާއި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލެއް ކަމުގައިވާ ޔިކަތެރީނާ ދުންސްތޯވާއެވެ. ނަރީރްދިންއަކީ މޮސްކޯ ސަރަޙައްދުގެ މުނިސިޕަލް ކައުންސިލްގެ މެންބަރެކެވެ.