ޚަބަރު

ޢުދުވާން ހުއްޓައިނުލާ ނަމަ އަސީރުން ބަދަލު ކުރުމަށް ޙަމާސުން ދެކޮޅު


ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ޔަހޫދީންނާ މަޝްވަރާ ކުރާނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމުން ކަމުގައި ޙަމާސް ޖަމާޢަތުން ބުނެފިއެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ އިސްވެރިން މިޞްރަށް ވަޑައިގަންނަވާފައިވާއިރު، މަޝްވަރާތަކުގައި ކުރިއެރުމެއް ހޯދިފައި ނުވާ ކަން މި ވަނީ ހާމަވެފައެވެ.

ޙަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި އެ ޖަމާޢަތުން ބުނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ހުއްޓައިނުލާ ނަމަ ޔަހޫދީންނާ އެކު މަޝްވަރާ ކުރަން ފަލަސްޠީނުގެ އެއްވެސް ޖަމާޢަތަކުން އެއްބަސް ނުވާ ކަމުގައެވެ. "ޔަހޫދީންނާ އެކު އެއްވެސް އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނީ ޢުދުވާންތައް ހުއްޓައިލުމުން. މިއީ، ފަލަސްޠީނުގެ ހުރިހާ ޖަމާޢަތަކުން އެއްބަސްވާ ކަމެއް،" ޙަމާސް ޖަމާޢަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޙަމާސް ޖަމާޢަތުގެ އިތުރުން ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުގެ ބެލުމުގެ ދަށުގައި ވެސް އަސީރުންގެ ބަޔަކު ތިބި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިޞްރުގައި ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވެސް ވަނީ ދާދި ފަހުން ޤާހިރާއަށް ވަޑައިގަންނަވާފައެވެ.

މިޞްރާއި ޤަޠަރުން އިސްނަގައިގެން ޙަމާސްއާއި ޔަހޫދީންނާ މެދު ވާހަކަތައް ބޭއްވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. ޔަހޫދީން އެންމެ ފަހުން ދީފައިވާ ޙަމަލަަތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ކަރީމް އަބޫ ސާލިމް ހުރަހުގެ އިސްވެރިޔާ ބިސްމީ ޣަބަން ވެސް ހިމެނެއެވެ. ކަރީމް އަބޫ ސާލިމް ހުރަހަކީ، ޣައްޒާއާއި ޔަހޫދީ ދަޢުލަތާ ދެމެދު އޮންނަ ސަރަޙައްދީ ހުރަހެކެވެ. އެ ތަނުގެ އިސްވެރިޔާ ޝަހީދުކޮށްލަން ދިން ޙަމަލާގައި އިތުރު ތިން މީހުން ޝަހީދުވެފައިވާ ކަމުގައި ޙަމާސް ޖަމާޢަތުން ބުނެއެވެ.

ކަރީމް އަބޫ ސާލިމްގެ އިތުރުން ޔަހޫދީން ދަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލަތަކެއް ދެމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ހުންނަ ހުރިހާ ހޮސްޕިޓަލެއް މިހާރު ބަންދު ކޮށްފައިވާ ކަމުގައެވެ. ގިނަ ހޮސްޕިޓަލްތައް ބަންދު ކޮށްފައި ވަނީ ޔަހޫދީންގެ ޙަމަލަތަކުގައި އެ ތަންތަން ސުންނާފަތި ކޮށްލުމުންނެވެ. އަދި، ތެޔޮ ނުލިބި، ކަރަންޓުގެ ޚިދުމަތް ކެނޑުމުންނެވެ.

ޣައްޒާގައި ޖުމުލަ 36 ހޮސްޕިޓަލް ހުންނައިރު، މިހާރު ޞިއްޙީ ފަރުވާދެމުން ދަނީ އޭޭގެ ތެރެއިން އެންމެ ނުވަ ހޮސްޕިޓަލުގައެވެ. ނަމަވެސް، ބޭހާއި ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ހުސްވަމުންދާތީ، އެ ތަންތަނުގެ ޚިދުމަތް ވެސް ކުރިއަށް ދުވަސްތަކުގައި މެދުކެނޑޭނެ ކަމަށް ބެލެވޭ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެއެވެ.

"ޣައްޒާގެ އުތުރުގައި ޚިދުމަތްދޭ އެންެމެ ހޮސްޕިޓަލެއް ވެސް މި ވަގުތު ނެތް. އެންމެ ފަހުން ހުރި އަލް-އަޙްލީ ހޮސްޕިޓަލް ވެސް މިހާރު ވަނީ ބަންދު ކުރަން ޖެހިފައި. އެ ތަނުން ވެސް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ނެތް،" ޣައްޒާގައި ހުންނަވާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މަންދޫބު ރިޗަރޑް ޕީޕަރކޯން ވިދާޅުވިއެވެ. ޔަހޫދީންގެ ޙަމަލަތަކުގައި އަލް-އަޙްލީ ވެސް ސުންނާފަތި ކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,000 އަށް އަރާފައިވާއިރު، ޝަހީދު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ވަޅުލެވޭނެ ގޮތެއް ނެތް ކަމުގައި ވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވިއެވެ. އަދި، ހޮސްޕިޓަލްތަކުގައި ގޯތިތެރޭގައި ޝަހީދު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ބާއްވާފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 52,000 އަށް އުފުލިފައެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 7,000 އަށްވުރެ ގިނަ މީހުންގެ ހަށިތައްވާ ކަމަށް ވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވިއެވެ.