ޚަބަރު

ޣައްޒާގެ މުޅި އާބާދީ ބަނޑުހައިހޫނުކަމާއި ޞިއްޙީ ނުރައްކަލުގެ ތެރޭގައި


2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފަލަސްޠީނުގެ ޣައްޒާގެ މުޅި އާބާދީ އޮތީ ބަނޑުހައިހޫނުކަމުގެ ދަތިކަމުގައި ކަމަށާއި ޔަހޫދީ ފައުޖުތަކާއި ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ހަނގުރާމަ ހިނގާ ކޮންމެ ދުވަހަކު ބަނޑުހައިހޫނުކަމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށް އދން ޢާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

މިއީ ކާބޯތަކެތީގެ ދަތިކަން ތަޙަމަލުކުރަމުންދާ ގޭބިސީތަކުގެ ނިސްބަތުން ދުނިޔޭގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ނިސްބަތެވެ. ޣައްޒާގެ ކޮންމެ ހަތަރު ގޭބިސީއަކުން އެއް ގޭބިސީން ނުވަތަ 577،000 މީހުންނަށް މިހާރު ވެސް ކާނާގެ ދަތިކަމާއި ބަނޑުހައިހޫނުކަމާއި ކުރިމަތިލުމުގެ ގާބިލުކަމެއް ނެތެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޢައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިޞްރުގެ ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ޣައްޒާއަށް އެތެރެވާ އެހީގެ ގާފިލާތަކުން ފޯރުކޮށްދޭ އެހީއަކީ އާބާދީއަށް ބޭނުންވާ އެހީގެ އެންމެ 10 އިންސައްތަ ކަމަށް އދން ބުނެއެވެ.

އެހީގެ ގާފިލާތައް ޔަހޫދީން ބަލައި ފާސްކުރުމާއި ތެޔޮ ނުލިބުން އަދި މުވާސަލާތީ ޙިދުމަތަށް ބުރޫއަރައިފައިވުމުގެ ސަބަބުން ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް އެހީ ފޯރުކޮށްދިނުން ވަނީ ދަތިވެފައެވެ. ކާބޯތަކެއްޗަށް ޖެހިފައިވާ ޣައްޒާގެ ޢާންމުން އަންނަނީ އެހީގެ ގާފިލާތައް ހުއްޓުވައިގެން ވެސް ކާބޯތަކެތި ހޯދަމުންނެވެ. ޣައްޒާގެ ބައެއް މީހުން ބަނޑުފުރާނަމުއްތިކުރުމަށް ހިމާރު މަސް ކެއުން ވެސް ވަނީ ޢާންމުވެފައެވެ.

ކާބޯތަކެތީގެ ދަތިކަމުގެ އިތުރުން ޣައްޒާ މި ވަގުތު އޮތީ ޞިއްޙީ ގޮތުން ވެސް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. އެގޮތުން ތެލާއި، މުވައްޒަފުން އަދި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ނުލިބުމުގެ ސަބަބުން ޙިދުމަތްދެވޭ އެއްވެސް ހަސްފަތާލެއް މި ވަގުތު ޣައްޒާގެ އުތުރުގައި ނެތް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ. މުޅި ޣައްޒާގައި ޖުމްލަ ހުރި 36 ހަސްތަފާލުގެ ތެރެއިން މިހާރު ޚިދުމަތް ދެވެނީ އެންމެ 11 ހަސްފަތާލުންކަން ވެސް އެ ޖަމުޢިއްޔާއިން ފާހަގަކޮށްފައިވެއެވެ. ޣައްޒާގައި އުތުރުގައި އޮޕަރޭޝަން ކުރެވެނީ ހަމައެކަނި އަލް އަޙްލީ ހަސްފަތާލުންނެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ޔަހޫދީ ފައުޖުތަކުން އެ ހަސްފަތާލަށް ދިން ޙަމަލާގައި އޮޕަރޭޝަން ޑިޕާޓްމަންޓަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ޣައްޒާގެ ހަސްފަތާލުތަކަކީ ބަލިމީހުންގެ އިތުރުން ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ބޯހިޔާވަހިކަން ހޯދައިގެން ތިބި ތަންތަނެވެ.