މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މާލޭ ސިޓީގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބައި-އިލެކްޝަން އޮންނާނީ ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހުއެވެ. ހަމަ އެ ދުވަހު މި ބައި-އިލެކްޝަންގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންވެސް އޮންނާނެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ، މި 2 ބައި-އިލެކްޝަނުގައި ވޯޓުލުމަށްޓަކާ 58 ފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެއީ މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނަށް ޚާއްސަކޮށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބަހައްޓާ 55 ފޮށްޓަކާއި، މުލަކު ޑަބްލިއުޑީސީ ބައި-އިލެކްޝަނަށް ޚާއްސަކޮށް މުލަކާއި މާލޭގައި ބަހައްޓާ 3 ފޮށްޓެކެވެ.
ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި 2 ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ގާތްގަނޑަކަށް 350 އެއްހާ އޮފިޝަލުން ބޭނުންވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އޮފިޝަލުންނަށްވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިމަހުގެ 23،24 ގައި ދަރުބާރުގޭގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޖޮބް-ފެއަރގެ ތެރެއިންވެސް މިކަމަށް ކުރިމަތިލެވޭނެކަމަށް ހަބީބް ވިދާޅުވިއެވެ. ވޯކިން-އިންޓަރވިއުތަކެއް ގޮތަށް ކުރިއަށްދާ މި ޖޮބްފެއަރ އޮންނާނީ މި ދެދުވަހުގެ ހެނދުނު 10 އިން ރޭގަނޑު 10 އަކަށެވެ.
— Elections Commission (@ElectionsMv) December 19, 2023
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://my.elections.gov.mv/ ލިންކް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އެވެ.
• ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
• އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން
• އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
• ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން
• އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން
• މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން
• ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން
• ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ / 1500 ރުފިޔާ
• ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ / 1200 ރުފިޔާ
• ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ / 1000 ރުފިޔާ
• ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ / 500 ރުފިޔާ
• ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
• ވަނަވަރު
• ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެކަމަށެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ.
މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 7 އާއި 11 އާ ދެމެދުގައެވެ.
އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ ޖަނަވަރީ 07 އިން 13 އަށް މާލޭގައި ހުންނަ ފަރާތަކަށް ވާންވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.