ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ އިތުރުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ނުރައްކާވާ މިންވަރަކަށް އެ ދެ ރަށުގެ ވައި ތަޣައްޔަރު ވެއްޖެއެވެ. 20 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދާކާއަކީ ދުނިޔޭގައިވާ އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ރަށެވެ. ވައި ނުސާފުވުމާ ގުޅިގެން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެތަކެއް ޞިއްޙީ މައްސަލައަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ ތެރޭގައި ނޭވާހިއްލުމާއި، އެލަރޖީގެ އިތުރުން ހުންއައުން ހިމެނެއެވެ.
ވައިގެ ސާފުމިން ދެނެގަތުމުގެ ޚިދުމަތް ފޯރުކޮށްދޭ އައިކިޔުއެއަރއިން ބުނީ، ވައިގެ ސާފުމިން އަންގައިދޭ މިންގަނޑުން 325 އަށް ދާކާގެ ވައި ތަޣައްޔަރުވެފައިވާ ކަމުގައެެވެ. އަދި، މިއީ ޞިއްޙަތަށް ނުރައްކާ މިންވަރެއް ކަމުގައި އެ ގުރޫޕުން ބުނެއެވެ. މި ވަޤުތު ދުނިޔޭގައި ވައި އެންމެ ބޮޑަށް ތަޣައްޔަރު ވެފައިވާ ރަށްތަކުގެ ތެރޭގައި ދާކާ ހިމެނެއެވެ. ވައިގެ ތެރޭގައި ހުރި ހިރަފުހާއި އެހެން ކުނޑިތައް ކޮންޓްރޯލް ކުރުމަށް މަގުތަކަށް ފެން ޖެހި ނަމަވެސް، ދާކާގެ ރައްޔިތުން ބުނީ، މިއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމުގައެވެ.
ދާކާގައި ދިރިއުޅޭ ބައެއް ރައްޔިތުން ބުނީ، އެ ރަށުގެ ވައި ތަޣައްޔަރުވެފައި ވަނީ ޢިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫޢުތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ކަމުގައެވެ. ވައި ތަޣައްޔަރުވުމުގެ ސަބަބުން ބަންގްލަދޭޝްގައި އެތަކެއް ފުރާނައެއް ވެސް ވަނީ ގެއްލިފައެވެ. އެ ޤައުމުގައި ކޮންމެ އަހަރެއްގައި މަރުވާ މީހުންގެ ތެރެެއިން 5 އިއްސައްތައަކީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިގެން މަރުވެފައިވާ މީހުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މި ކަން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަރލްޑް ބެންކުން ވަނީ ބަންގްލަދޭޝްގެ ސަރުކާރަށް އިރުޝާދު ދީފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނީ، ވައިގެ ސާފުމިން ހުންނަން ޖެހޭނެ ކަމަށް އެ ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ދާކާގެ ވައި 20 އިންސައްތަ ބޮޑަށް ތަޣައްޔަރު ވެފައިވާ ކަމުގައެވެ.
އައިކިޔުއެއަރގެ މިންގަނޑުން ބަލާއިރު އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ނުސާފުމިން ވެސް ވަނީ 378 އަށް އުފުލިފައެވެ. އަދި، މި ކަމާ ގުޅިގެން 100 އަށްވުރެ ވައިގެ އުދުހުން މެދުކަނޑައިލަން ޖެހިފައިވާ ކަމަށާއި، ރޭލު ދަތުރުފަތުރަށް ވެސް ހުރަސް އެޅިފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. ވައި ނުސާފުވެ، ދިއްލީގެ ފިނިހޫނުމިން ވެސް ދަށަށް ގޮސްފައިވެއެވެ.