ޚަބަރު

އިންޑޮނީޝިޔާގައި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅޭ މަރުކަޒަކަށް ޙަމަލަދީފި


އިންޑޮނީޝިޔާގެ ބަންޑަ އަޗޭގައި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ބައިތިއްބާފައި ތިބޭ މަރުކަޒަކަށް ބަޔަކު ޙަމަލަދީފިއެވެ. އެ ޢަމަލު ހިންގާފައި ވަނީ އިންޑޮނީޝިޔާގެ ޒުވާން އުމުރުފުރައިގެ ދަރިވަރުންތަކެކެވެ. އެ ދަރިވަރުން ވަނީ އެ ތަނުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުން ގަދަބާރުން ނެރެ، ލޮރީތަކަކަށް އަރުވައިގެން ބަނޑަ އަޗޭގެ އެހެން ހިސާބަކަށް ގެންގޮސްފައެވެ.

އެ ކަމާ ގުޅޭ ގޮތުން ބަންޑަ އަޗޭގެ ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބައިނަލްއަޤުވާމީ ދުނިޔެއިން ވަނީ އެ ޙާދިޘާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ހާލުގައި ޖެހިފައިވާ ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ތިބި މަރުކަޒަކަށް ވަދެ، ގަދަބާރުން އެ މީހުން އެ ތަނުން ނެރުމަށް ހިންގި ޢަމަލާ މެދު ނިހާޔަތަށް ކަންބޮޑުވާ ކަމުގައެވެ. އަދި، މި ޙާދިޘާގައި ރޮހިންޔާ ދަރިކޮޅުގެ 137 އަށްވުރެ ގިނަ މީހުން އެ މަރުކަޒުން ބޭރަށް ގެންގޮސްފައިވާއިރު، އެ ކަމާ ގުޅިގެން އެ މީހުންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމުގައެވެ.

ޙަމަލަ ދީފައިވާ މަރުކަޒުގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ މީހުންނަށް ޙަމަލަދިނުމުގެ ބޭނުމަކީ ރޮހިންޔާ ދަރިކޮޅުގެ މީހުން އިންޑޮނީޝިޔާއިން ފޮނުވާލުމަށް ސަރުކާރަށް ބާރު އެޅުމެވެ. މަރުކަޒަށް ޙަމަލަ ދިނުމުގެ ކުރިން، ރޮހިންގާ ދަރިކޮޅުގެ މީހުންނާ މެދު ނަފްރަތު އުފެއްދުމަށް މީސްމީޑިޔާގައި ކެމްޕޭނެއް ހިންގާފައިވެއެވެ.

ރޮހިންޔާއިންނަކީ މިޔަންމާއަށް ނިސްބަތްވާ ބަޔެކެވެ. އޭގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައި ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރުން އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އިންޑޮނީޝިޔާއަށް ހިޖުރަ ކޮށްފައިވާއިރު، މިއީ އިންޑޮނީޝިޔާގެ ބައެއް ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.

އިންޑޮނީޝިޔާއަށް ހިޖުރަ ކުރާ ރޮހިންޔާއިންގެ ޢަދަދު އިތުރުވަމުން ދަނީ އިންސާނީ ވަގުފާރީގެ ސަބަބުން ކަމުގައި އެ ޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ތުހުމަތު ކުރައްވައެވެ. ނަމަވެސް، އެ ޤައުމަށް ހިޖުރަ ކުރަމުންދާ ރޮހިންޔާއިންނަށް ވަޤުތީ ހިޔާވަހިކަން ހަމަޖައްސައިދޭން ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ނޮވެންބަރު މަހުން ފެށިގެން މިހާތަނަށް އިންޑޮނީޝިޔާއަށް ހިޖުރަ ކޮށްފައިވާ ރޮހިންޔާއިންގެ ޢަދަދު 1,500 އަށް އަރާ ކަމުގައި ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ހާމަ ކުރެއެވެ. ނޮވެންބަރު މަހާއި އޭޕްރިލް މަހާ ދެމެދު އިންޑޮނީޝިޔާގެ އިތުރުން ތައިލެންޑާއި މެލޭޝިޔާއަށް ހިޖުރަކުރާ ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ޢަދަދުތައް އިތުރުވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.