ޚަބަރު

ޔަހޫދީންގެ ޙަމަލާތަކުން ޣައްޒާއަށް އިތުރު ގެއްލުންތަކެއް


ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގެ މެދުތެރޭގެ ސަރަޙައްދުތަކަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެއްޖެއެވެ.

ޔަހޫދީންގެ ޙަމަލާތަކުން އެތައް ހާސް ބަޔަކު ފިލަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމުޢިއްޔާއިން ބުނެއެވެ. ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް ނުސައިރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ޙަމަލާއެއްގައި ހަތް މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލައިފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޚާން ޔޫނިސްގެ އަލް އަމާލް ހޮސްޕިޓަލް ކައިރިން ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ފަލަސްތީނުގެ 20 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށެވެ. އަދި އަލް މަޣާޒީ ކޭމްޕަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ފަލަސްޠީނުގެ ފަސް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ އުތުރުގެ ސަރަޙައްދުން ވެސް ޝަހީދުކޮށްލައިފައިވާ ހަތް މީހެއްގެ ހަށިގަނޑު ވަނީ އަލް ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވެސް އިތުރުވެފައިވެއެވެ. އެ ގޮތުން ޔަހޫދީން ހުޅަނގު އައްސޭރީގެ ޠައުލް ކަރީމަށް ދިން ޙަމަލާއެއްގައި ފަލަސްޠީނުގެ ހަ މީހަކު ޝަހީދުކޮށްލައިފައިވެއެވެ.

ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި އަޑުތައް ގަދަވެފައިވާ ދަނޑިވަޅުގައި ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ އެހީތެރިކަމާއެކު ދާޢިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ ވިދާޅުވެފައެވެ. އޭނާ އެ ގޮތަށް ވިދާޅުވެފައި ވަނީ ޔަހޫދީ ދަޢުލަތުގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުންނެވެ.

ހަނގުރާމަ ހުއްޓައިލައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުމަތަޢުން ގޮވައިލި ނަމަވެސް، އޮކްޓޯބަރު ހަތް ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތް ނައްތާލުމަށް ޔަހޫދީން ވަނީ އަމާޒު ހިފައިފައެވެ.