ކެލިފޯނިޔާގެ އައްސޭރިފަށަށް އުސް ރާޅުއެރުމުގެ ސަބަބުން ފެންބޮޑުވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނެފިއެވެ. އެއާއެކު ބައެއް ސަރަޙައްދުތަކުން ޢާންމުން ގެއިން ބޭރަށް ނުކުތުން މަނާކޮށް ގޮނޑުދޮށްތަކާއި އައްސޭރިފަށަށް ނުނިކުތުމަށް ވަނީ އަންގައިފައެވެ.
ލޮސް އެންޖެލިސްގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ރާޅުގެ ބާރުގަދަވުމުން އައްސޭރިފަށުގައި ފެންބޮޑުވެ ބަނދަރުތަކާއި ޖެޓީ ފަދަ ތަންތަނަށް ގެއްލުން ލިބިދާނެއެވެ. އެ ސަރަޙައްދުގެ ރާޅުގެ އުސްމިން ހުރީ 20 ފޫޓުގައެވެ. މިދިޔަ ހަފުތާގައި ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކެލިފޯނިޔާގެ އައްސޭރިފަށަށް ގެއްލުން ލިބިފައިވެއެވެ. ރާޅު އުސްވުމުގެ ސަބަބުން ފެންބޮޑުވެ އެ ސަރަޙައްދުގެ ގެތަކަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ރާޅު ބޮޑުވެ، ފެންބޮޑުވެދާނެ ކަމަށް ޕެސިފިކް ހައިވޭ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި އެ ސަރަޙައްދުގެ ގޮޑުދޮށްތަކުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުން ރައްކާތެރި ނޫން ކަމަށް ކެލިފޯނިޔާގެ ދެކުނުގައި އޮންނަ ވެންޗަރ ސިޓީގެ ރަސްމީ ފަރާތްތަކުން އިންޒާރު ދީފައިވެއެވެ. ލޮސް އެންޖެލިސްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 65 މޭލު ދުރުގައި އޮންނަ ވެންޗަރ ސިޓީއަށް މޫސުން ގޯސްވެ އެ ސަރަޙައްދަށް ރާޅު އަރައި އަށް މީހުންނަށް ވަނީ އަނިޔާވެފައެވެ.
އާދަޔާ ޚިލާފަށް ރާޅު އަރައި ކެލިފޯނިޔާގެ އައްސޭރި ފަށުން ހުޅަނގުގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެސް ވެހިފައިވެއެވެ.