އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކާއި ފަލަސްޠީނުގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަތް ކަނޑުގެ މަސްރަޙު ގޯސްވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ އަލްބޯޒް ރަތް ކަނޑަށް ވަދެއްޖެއެވެ. އެ މަނަވަރު ރަތް ކަނޑަށް ވަދެފައިވަނީ ބާބު އަލްމަންދަބް ކަނޑުއޮޅިންނެވެ.
އީރާނުގެ ނޫސްތަކުން ބުނެފައި ވަނީ އާގުބޯޓުތައް ދަތުކުރާ މަގުތައް ރައްކާތެރިކުރުމަށާއި ކަނޑުފޭރުން ހުއްޓުވުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ކުރުމަށް 2009 ވަނަ އަހަރުން ފެށިގެން އަލްބޯޒް ސަރަޙައްދީ ކަނޑުތަކުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް ރަތް ކަނޑުގައި އަލްބޯޒް ޙަރަކާތްތެރިވުމުގެ އިތުރު ތަފްޞީލެއް ނުލިބެއެވެ.
ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ފަލަސްޠީނަށް ތާޢީދުކުރުމުގެ ގޮތުން ޔަހޫދީންގެ ރަށްތަކަށް ރަތް ކަނޑުން ދަތުރުކުރަމުންދާ ބޯޓުތަކަށް އީރާނުގެ ތާއީދު އޮންނަ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ދަނީ ޙަމަލާތައް އަމާޒުކުރަމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ބޮޑެތި ގިނަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގެ ބަދަލުގައި ދެކުނު އެފްރިކާ ވަށައިގެން ދަތުރުތައް ކުރުމަށް ޚިޔާރުކޮށްފައެވެ. ނަމަވެސް އެއީ ރަތް ކަނޑަށްވުރެ ދިގު ދަތުރެކެވެ.
ޔަހޫދީން ދިފާޢުކުރުމަށް ރަތް ކަނޑުގައި ޙަރަކާތްތެރިވި މަތިންދާބޯޓު އުފުލާ އެމެރިކާގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ ޖެރަލްޑް އާރް ފޯޑް އެމެރިކާއަށް އެނބުރި ގެނައުމަށް ނިންމާފައިވާ ކަމަށް އެ ޤައުމުގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.