ޚަބަރު

ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި ތުރުކީވިލާތުން 33 މީހުން ހައްޔަރުކޮށްފި


ޔަހޫދީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާދަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި ތުރުކީވިލާތުން 33 މީހުން ހައްޔަރު ކޮށްފިއެވެ. އެ ކަން ހާމަ ކުރައްވާފައި ވަނީ ތުރުކީވިލާތުގެ ދާޚިލީ ވަޒީރު ޢަލީ ޔަރލިކަޔާއެވެ.

މޮސާދުގެ ޖާސޫސުންގެ 33 މީހުން ހައްޔަރު ކޮށްފައި ވަނީ ތުރުކީވިލާތުގެ ކަމާ ގުޅޭ އިދާރާތަކުން ހިންގި ޚާއްޞަ އަސްކަރީ ހަރަކާތެއްގައެވެ. ނަމަވެސް، އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ސާފެއް ނޫނެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ޙަމާސް ޖަމާޢަތުގެ މެންބަރުން ހޯދައި އެ މީހުުން ޝަހީދުކޮށްލަން ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ. ހުސްވި ޑިސެންބަރު މަހު ތުރުކީވިލާތުން ވަނީ އެ ޤައުމުގައި އެފަދަ ޙަރަކާތްތައް ހިންގުމާ ދެކޮޅަށް ޔަހޫދީންނަށް އިންޒާރު ދީފައެވެ. އަދި ޙަމާސްގެ މެންބަރުން ހޯދުމުގެ ނަމުގައި ތުރުކީވިލާތުގެ ފަސްގަނޑުގައި ޙަރަކާތެއް ހިންގައިފި ނަމަ އެ ކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ވެސް ތުރުކީވިލާތުން ބުނެފައިވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަކީ ޓެރެރިސްޓުންގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކުގެ އިތުރުން ބައެއް ޢަރަބި ޤައުމުތަކުން ދެކުނު ނަމަވެސް، ތުރުކީވިލާތުން ދެކޭ ގޮތުގައި އެއީ ޓެރެރިސްޓު ޖަމާޢަތެއް ނޫނެވެ.

ޔަހޫދީންނަށް ޖާސޫސް ކޮށްދިނުމަށް މަސައްކަތް ކުރި 33 މީހުން ހައްޔަރު ކުރުމަށް ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ޚާއްޞަ ޙަރަކާތުގައި އެ ޤައުމުގެ އަށް ޕުރޮވިންސެއްގެ 57 ޢިމާރާތަކަށް ރޭޑު ޖަހާފައިވާ ކަމުގައި ޔަރލިކަޔާ ވިދާޅުވިއެވެ. އެ ޙަރަކާތް ހިންގަމުން ދަނީ ތުރުކީވިލާތުގެ ކައުންޓަރ-ޓެރެރިޒަމް އިދާރާއާއި ޖާސޫސީ އިދާރާ ގުޅިގެންނެވެ. އަދި، 33 މީހަކު ހައްޔަރު ކޮށްފައި ވަނީ، ތުރުކީވިލާތުގެ ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުން ރަހީނުކޮށް، ޙަމަލަދޭން ރޭވުމުގެ ތުހުމަތުގައި ކަމަށް ޔަރލިކަޔާ ވިދާޅުވިއެވެ. މި ޙަރަކާތުގެ ދަށުން އިތުރު 33 މީހަކު ހޯދުމަށް ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ތުރުކީވިލާތުގެ ދަޢުލަތުގެ މީޑިޔާ އަނަދޮލޯން ބުނެއެވެ.

ތުރުކީވިލާތުގެ ކަމާ ގުޅޭ އިދާރާތަކުން ޖަހާފައިވާ ރޭޑުތަކުގައި ގިނަ ޢަދަދެއްގެ ބޭރު ފައިސާއާއި ހަތިޔާރެއް އަތުލައިގަނެފައިވާ ކަމުގައި ވެސް ޔަރލިކަޔާ ވިދާޅުވިއެވެ. އަތުލައިގަނެފައިވާ ބޭރު ފައިސާގެ އަގު 165,105 އެމެރިކާ ޑޮލަރަށް އަރައެވެ. ޔަހޫދީންގެ ޖާސޫސޫން ހައްޔަރު ކުރުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ވީޑިޔޯތައް ވެސް ތުރުކީވިލާތުގެ ދާޚިލީ ވުޒާރާއިން ވަނީ އާންމު ކޮށްފައެވެ.

ތުރުކީވިލާތަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސަނީ ޢުދުވާނާ ދެކޮޅަށް ފާޅުގައި ފާޑުކިޔަމުންދާ ޤައުމެކެވެ. އަދި، ތުރުކީވިލާތުން ދަނީ ޔަހޫދީންގެ ޢުދުވާން ހުއްޓައިލަން ގޮވައިލާ، ފަަލަސްޠީނުގެ މުސްލިމުންގެ ހައްޤުތައް ހިމާޔަތް ކޮށްދޭން އަޑުއުފުލަމުންނެވެ.