ޚަބަރު

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ރައީސް ނިންމަވައިފި


  • މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު

  • ތަޢުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަންނާނެ

  • ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކުރުން

  • ސަރަޙައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.

މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތަޢުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަތުމާއި ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކުރުމާއި ސަރަޙައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ޤާއިމުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ފަންނީ އަދި އީޖާދީ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ބެލެނިވެރިކަމުގެ ދަށުން އެފަންޑުން ޚިދުމަތްދިނުމަށް ހަމަޖެއްސެވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އިންކިއުބޭޓަރ ޚިދުމަތް ފޯރުކޮށްދިނުމާއި ފަންޑުކޮށްދިނުން ހިމެނެއެވެ.

ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ސިޓީތައް ތަރައްޤީކުރާއިރު އިނޮވޭޝަން ހަބްސް އަދި ޓެކްނޮލޮޖީ ޕާކްފަދަ އުމްރާނީ ވަޞީލަތްތައް ހިމެނޭގޮތަށް ޤައުމީ މާސްޓަރ ޕްލޭން އެކުލަވާލުން ހިމެނެއެވެ.