ޔަހޫދީންގެ ޢުދުވާނުން ސަލާމަތްވުމަށް ޣައްޒާގެ އެތަކެއް ސަތޭކަ ހާސް މުސްލިމުން އެ ސަހަރުގެ ދެކުނުގައިވާ ސަރަޙައްދުތަކަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައި، ޔަހޫދީ ފައުޖުން އެ ސަރަޙައްދަށް ދެމުންދާ ޙަމަލަތައް އިތުރުކޮށް ވަރުގަދަ ކުރަން ފަށައިފިއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ދެކުނުގައިވާ ޚާން ޔޫނިސަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދިން ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ގެދޮރުނެތި މަގުމަތިވެފައިވާ ރެފިއުޖީން ދިރިއުޅެމުންދާ ޓެންޓުތައް ހުންނަ ސަރަޙައްދަކަށް ކަމުގައެވެ.
އެ ޙަމަލަތަކުގައި 14 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ ކަމުގައި ވެސް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައި އޮންނަ ތިން ރެފިއުޖީ ކޭމްޕަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކުފަހަރު ބޭނުން ކޮށްގެން ވަރުގަދަ ޙަމަލަތަކެއް ދީފައެވެ. މި ޙަމަލަތަކުން ސަލާމަތްވާން އަލް-ބުރަޔިޖާއި، އަލް-މަޣާޒީގެ އިތުރުން އަލް-ނުޞައިރާތު ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ އެތަކެއް ސަތޭކަ މީހުން ވަނީ ޣައްޒާގެ ދެކުނަށް ދިޔުމަށް މަސައްކަތް ފަށާފައެވެ.
ޚާން ޔޫނިސްގައި ހުންނަ ރެޑް ކްރެސެންޓުގެ މަރުކަޒަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލަ ދީފައެވެ. އެ ޙަމަލާގައި އެ ޖަމާޢަތުގެ ޞިއްޙީ ޚިދުމަތްތެރިއެއް ޝަހީދު ކޮށްލާފައިވާއިރު، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.
ޖަނަވަރީ 2 ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ ޢިމާރާތަކަށް ބޮން އަޅައި ޙަމާސް ޖަމާޢަތުގެ ނައިބު ލީޑަރެއް ކަމުގައިވާ ޞާލިޙް އަލް-ޢާރޫރީ ޝަހީދު ކޮށްލާފައެވެ. އެ ޙަމަލައާ ގުޅިގެން ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙިޒްބުالله ޖަމާޢަތުން ވަނީ ޔަހޫދީންނަށް އިންޒާރު ދީފައެވެ.
އެ ޖަމާޢަތުގެ އިސްވެރިޔާ ޙަސަން ނަޞްރުالله ވިދާޅުވީ ޔަހޫދީން ހިތުހުރި ގޮތެއް ހަދަމުންދާއިރު އެ ޖަމާޢަތުން ހިމޭނުން ތިބޭނެ ކަމަށް ދެކިގެން ނުވާނެ ކަމުގައެވެ. އަދި، ލުބްނާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ އެންމެ ފަހު މީހާއާ ޖެހެންދެން ޖިހާދު ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 22,300 އަށް އުފުލިފައެވެ. ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މި ޢުދުވާން ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވުމުގެ ފުރުޞަތު އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.