ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ އެ ޤައުމުގެ ސިފައިން ރާއްޖޭގައި ދާއިމަށް ޤާއިމުވެ ނުތިބި ނަމަވެސް ދެމެހެއްޓޭނެ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އިންޑިއާގެ ނޫހަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައެވެ. އެގޮތުން، އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ޤައުމަކާ ދެކޮޅު ނޫންކަން ފާހަގަކުރައްވާ، ގެންގުޅުއްވަނީ "ރާއްޖެ ފުރަތަމަ" ޕޮލިސީކަމަށް ރައީސް ވިދާޅުވިއެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ބޭރު ސިފައިން ޤާއިމުވެތިބުމަށް ދިވެހި ރައްޔިތުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. މިވަގުތު އެގޮތަށް ޤާއިމުވެ ތިބީ އިންޑިއާ ސިފައިން ކަމަށާއި ރައްޔިތުންގެ އެ ނިންމުމަށް ގަދަރުކުރެއްވުމަށް ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑިމޮކްރަސީއަށްވާއިރު ދިވެހިންގެ ނިންމުމަށް އެ ޤައުމުން އިޙްތިރާމްކުރާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފުކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ދާޚިލީ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާއި ދެ ޤައުމު ގުޅިގެން އެ މައްސަލަ ހައްލު ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއްވެސް ޤައުމަކުން ދިވެހި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ނުކުރާނަމަ ރާއްޖޭގެ ޑިމޮކްރަސީގެ މުސްތަޤުބަލު ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތަކަށް އަންނާނެ ކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާ ކަނޑުގައި ދެކޮޅުވެރިކަމެއްގެ ތެރެއަށް ވަނުމަށްވުރެ ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށެވެ. އަދި އެއްވެސް ކޮޅެއް ނެގުމަށް ރާއްޖެއަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. ރާއްޖެއިން މަސައްކަތް ކުރާނީ ޤައުމުތަކާ ގުޅިގެން ބައިނަލްއަގުވާމީ އަދި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމުގެ މަޤްޞަދުގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއާއެކު ރާއްޖޭން ވެފައިވާ އެއްވެސް އެއްބަސްމެއް ބާތިލުކޮށްފައިނުވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން ނިންމީ އެ އެއްބަސްވުންތައް އައުނުކުރަން ކަމަށެވެ. މިގޮތަށް ނިންމެވީ ރާއްޖޭގެ އެޖެންސީތައް ބާރުވެރިކުރުވުމުގެ މަޤްޞަދުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.