ޚަބަރު

އީރާންގައި ދިން ޙަމަލާގެ ފަހަތުގައިވާ ބަޔަކު ހައްޔަރުކޮށްފި


އީރާނުގެ އިރުދެކުނުގައިވާ ކަރްމާންގައި ދެ ބޮން ގޮއްވައިލައިގެން ދިން ޙަމަލާގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދައި، އެ މީހުން ހައްޔަރުކޮށްފިއެވެ. އެ ޙަމަލާގައި 100 އެއްހާ މީހުން މަރުވެފައިވާއިރު، އެ މީހުން ޖަނާޒާގައި އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ. އަދި ޖަނާޒާގެ ބައިވެރިން ވަނީ އެ ޙަމަލާގެ ބަދަލު ހިފުމަށް އީރާނުގެ ސަރުކާރަށް ގޮވައިލާފައެވެ. އައިއެސްސުން ވަނީ ޙަމަލަތަކުގެ ޒިންމާ އުފުލާ ކަމުގައި ބުނެފައެވެ.

ބޮމުގެ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ އަވަހާރަ ކޮށްލާފައިވާ އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަޤުބަރާ ކައިރީގައެވެ. ބޮންތައް ގޮއްވައިލާފައި ވަނީ ސުލައިމާނީގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަޤުބަރާ ކައިރިއަށް ޖަމާވެފައިވާ ވަޤުތެއްގައެވެ.

މި ޙަމަލާގެ ތަޙުޤީޤާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އީރާނުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ ޙަމަލަތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމުގައެވެ. "[އީރާނުގެ] ކުޅަދާނަ ޖާސޫސީ އިދާރާއިން ވަނީ ކަރްމާންގައި ދިން ޙަމަލަތަކުގެ ފަހަތުގައިވާ މީހުން ހޯދައި އެ މީހުން ހައްޔަރު ކޮށްފައި،" ވަޙީދީ ވިދާޅުވިއެވެ.

އެ ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން އީރާނުގެ ދާޚިލީ ވަޒީރުގެ ނައިބު މާޖިދު މީރާޙަމްދީ ވިދާޅުވީ ކަރްމާން ޙަމަލާގެ ފަހަތުގައިވާ މީހުން ހޯދުމަށް އެ ޤައުމުގެ ފަސް ޕުރޮވިންސެއްގެ ފަސް ރަށެއްގައި ޚާއްޞަ ޙަރަކާތްތައް ހިންގާފައިވާ ކަމުގައެވެ. އެ ޙަރަކާތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުންގެ ޢަދަދު އީރާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ މަޢުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމުގައި މީރްޙަމްދީ ވިދާޅުވިއެވެ.

ކަރްމާންގައި ދީފައިވާ ޙަމަލާގައި ޒިންމާ ބަޔަކު ހޯދާނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އިސްވެރިޔާ މޭޖަރ-ޖެނެރަލް ޙުސައިން ސަލާމީ ވެސް ދެއްވާފައިވެއެވެ. އަދި، ރައީސް އިބްރާހީމް ރައީސީ ވަނީ، އެ ބަޔަކު ހޯދުމަށް އީރާނުގެ ލަޝްކަރުން ވަރަށް ހަލުވިކޮށް މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ. ރައީސީ ވަނީ ޙަމަލާގައި ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލަކަށް ޒިޔާރަތް ކުރައްވާފައެވެ.

މިއީ އީރާނުގައި މި ފަދަ ޙަމަލައެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު އައިއެސްސުން ދިން މި ފަދަ ނުރައްކާތެރި ޙަމަލައެއްގައި 15 މީހުން މަރައިލާފައިވެއެވެ. 2017 ވަނަ އަހަރު ވެސް އެ ޖަމާޢަތުން ވަނީ އީރާނުގެ ޤާނޫނު ހަދާ މަޖިލީހާއި ޒައީމް އާޔަތުالله ރޫޙުالله ޚާމަންއީގެ މަޤުބަރާ ކައިރީގައި ބޮން ގޮއްވައިލާފައެވެ.

ސުލައިމާނީއަކީ، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ ޤުދްޞް ފޯސްގެ އެންމެ އިސްވެރިޔާއެވެ. އޭނާ ޝަހީދު ކޮށްލުމަށް ޢަމުރު ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. 62 އަހަރުގެ ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ޙަމަލާއެއްގައެވެ.