ޚަބަރު

އިންޑިޔާ - ދިވެހިރާއްޖެ، ޒަމާންވީ ދެ އެކުވެރިން


ޖިއޮގްރަފީ ގޮތުން ރާއްޖެއާ އެންމެ ކައިރީގައި އޮތް ޤައުމަކީ އަވަށްޓެރި އިންޑިޔާއެވެ. ނަސްލީ ގޮތުން ދިވެހި ދަރިފަސްކޮޅާއި އިންޑިއާގެ ދަރިފަސްކޮޅާ ގުޅުން އޮންނަކަމަށް ދިވެހި ތާރީޚް ބުނެއެވެ. ދިވެހި ބަސް އުފަންވެފައިވަނީ އެވޭލާ އިންޑިއާގެ ބަސްތަކުން ކަމަށްވެސްވެއެވެ. ދިވެހިބަހުގައި، އިންޑިޔާގެ ސާންސްކްރިތު ބަހާއި އަދި ޢަރަބި ބައްރުގެ ބައެއް ޤައުމުތަކާއި ފާރިސީންނާއި އަވައްޓެރި އިންޑިޔާގެ ބަސްތަކާ ރައްޓެހިކަން ފާހަގަކުރެވެއެވެ.

ޘަޤާފީ ކަންމުގައި އަވައްޓެރިންގެ ސިފަތަކާއި ގޮތްތައް ހުންނަ ބީދައިން އަދި ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ގެންނަ ތަންތަނާއި ޘަޤާފަތާ ހުންނަ ގުޅުމުގެ ތެރެއިން، ދިވެހި ޘަޤާފަތުން އިންޑިޔާ މީހުންނާ އެއްގޮތް ގޮތްތައް ދިވެހިންގެ ކިބައިންނާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިން ފެންނަކަންވެސް ފާހަގަކުރެއެވެ.

މި ފަހުގެ ތާރީޚްގައި ރާއްޖެ ދުށް އެންމެ ނުރައްކާތެރި ހަމަލާގެ ހާލަތްތަކުގައި ރާއްޖެއަށް އެހީތެރިކަމުގެ އަތެއް، އެންމެ ފުރަތަމަ ދިއްކޮށްލާފައިވަނީ ވެސް އަވަށްޓެރި އިންޑިޔާއެވެ. ނޮވެމްބަރު ،3 1988ގެ އުދުވާނީ ހަމަލަ އިން ރާއްޖެ ސަލާމަތްކޮށްދިނުމުގައި އިންޑިޔާއިން ފޯރުކޮށްދިން އެހީތެރިކަން ދިވެހީންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިޡާއިން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި އިންޑިޔާއިން ވެދިން އެހީތެރިކަމަކީވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ. ހަމަ އެހެންމެ 2009 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި އިޤްތިޞާދީ ދަތިކަމުންވެސް އަރައިގަތުމުގައި އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެންމެފަހުން އިންޑިޔާގެ މިފަދަ އެހީތެރިކަން ފެނިގެންދިޔައީ މާލެއަށް ދިމާވި ފެނުގެ ޙާދިސާއިންނެވެ.

img:http://s4.psmnews.mv/images/660x400/14602939585528.jpg|އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ވިރާސީ ރަސްކަންތައް އޮތް އިރު ވެސް ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮތީ ބަދަހި ގުޅުމެއްކަން ދިވެހި ތާރީޚް ހެކިދެއެވެ. އެއިރު ދަތުރުފަތުރުގައި ރާއްޖޭގެ އެންމެ މުހިންމު ބައިވެރިއަކީ އިންޑިޔާކަމަށްވާއިރު، ވިޔަފާރިކަމުގެ އެންމެ މުހިންމު ބައިވެރިޔަކީ ވެސް އިންޑިޔާއެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން އަސްކަރީ، އިގްތިސާދީ ދާއިރާ އިން ދަނީ އެހީތެރިވެދެމުންނެވެ.

ރާއްޖޭގެ އަސްކަރިއްޔާ ކުރިއަރުވައި ތަރައްޤީކުރުމުގައި އިންޑިޔާގެ އަސްކަރިއްޔާއިން ވެދީފައިޥާ އެހީތެރިކަމުގެ ތެރޭގައި މަނަވަރު (ހުރަވީ) އާއި ރެސްކިޔު ހެލިކޮޕްޓަރު (ރެހެންދި) ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އިމްޕޯޓުގެ 90 އިންސައްތަ ހިއްސާކުރަނީ އިންޑިޔާއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި، ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ހިލަ ހިލަވެލި ފަދާ ސާމާނު ހިމެނެއެވެ.

ދެޤައުމުގެ ވިޔަފާރީގެ ގުޅުމަކީ އޭގެ ތާރީޚްވެސް ސާފުކުރަން އުނދަގޫ ދިގު ތާރީޚެކެވެ. ދިވެހިން ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ރާއްޖެއަށް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖޭގެ ތާރީޚީ ލިޔުންތަކަށް ބަލާއިރު، އިންޑިޔާއަކީ ދިވެހިން މުދާ އެކްސްޕޯޓްކުރާ އެއް ޤައުމުވެސްމެއެވެ. އެންމެ ގިނައިން އެކްސްޕޯޓްކުރި ބާވަތްތަކުގެ ތެރޭގައި ކާށިން އުފައްދާ ކުފުރާއި ކަނޑުގެ މުއްސަނދިކަމުގެ ބާވަތްތައްވެސް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14602920295499.jpg|1985 ވަނަ އަހަރުގެ ފެބްރުއަރީމަހު ރައީސް މައުމޫން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ރަޖީވް ގާންދީއާ ބައްދަލުކުރައްވަނީ

ރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވާފައިވާ ބައެއް އެހީތެރިކަމުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗް އަކީ އިންޑިއާގެ ދީލަތި އެހީއެކެވެ. އަދި ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންނާއި ގިނަ ނަރުހުންނަކީ އިންޑިއާގެ ތަޖުރިބާކާރުންނެވެ.

ރާއްޖޭގައި ކިޔަވައިދެއްވާ ބިދޭސީ ގިނަ ޓީޗަރުންނަކީ އިންޑިޔާގެ އެދުރުންނެވެ. އަދި އެތައް ހާސް ދިވެހި ދަރިވަރުން އިންޑިޔާގެ ސްކޫލް، ކޮލެޖް އަދި ޔުނިވަސިޓީތަކުގައި ތައުލީމު ހާސިލުކުރަމުން ގެންދެއެވެ.

ވިޔަފާރީގެ ދާއިރާ އަށް ބަލާއިރު، 1974 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮތްޕަކީ، ދިވެހި ވިޔަފާރިވެރިންނަށް ލިބުނު އަގުހުރި ފުރުސަތެކެވެ. އެއީ ރާއްޖޭގައި ވެސް ހުޅުވި ފުރަތަމަ ބޭންކެވެ.

މިހާރު ވެސް ރާއްޖޭގެ ތަރައްޤީގެ ތަފާތު ދާއިރާތަކުގައި އިންޑިޔާ އިން އަންނަނީ އިންވެސްޓްކުރަމުންނެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ އެންމެ ތިން މަހާއި ހަފުތާއެއްވީ ދުވަހު، ނޮވެމްބަރު ،1 1965ގައެވެ. މިދިޔަ އަހަރުވަނީ ދެގައުމުގެ ޑިމޮލޮމެޓް ގުޅުން ޤާއިމްކުރުމުގެ ރަންޔޫބީލް ފާހަގަކޮށްފައެވެ.