ޚަބަރު

2023 ނިމުނުއިރު ފަތުރުވެރިން އައި އަދަދަށް %12 ކުރިއެރުމެއް


  • މިިދިޔަ އަހަރު ރާއްޖެއައީ 1.8 މިލިއަން ފަތުރުވެރިން

  • 2022 ގައި ފަތުރުވެރިންގެ އަދަދު އުޅުނީ 1.6 މިލިއަނުގައި

  • މިއަހަރުގެ އަމާޒަކީ 2 މިލިއަން

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ނިމުނު 2023 ވަނަ އަހަރަކީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.

މިދިޔަ އަހަރު ދިވެހިރާއްޖެއިން އަމާޒު ހިފީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރު ނިމުނު އިރު މި އަމާޒު ވަނީ ހާސިލުވެފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް މުޅި ޖުމްލަ 1،878،539 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު %12 އިތުރުވުމެކެވެ. 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1،675،303 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 6280 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހު ރާއްޖެއަށް 8054 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ މަދުން ފަތުރުވެރިން އައި ދުވަހުވެސް ރާއްޖެއަށް 4967 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކައެވެ.

މިދިޔަ ޑިސެމްބަރ މަހު އެކަނިވެސް ރާއްޖެއަށް 194،691 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1145 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މިތަންތަނުގެ ބެކް ކެޕޭސިޓީ 61000 އަށްވުރެ އިތުރެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ މިއަހަރު 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.