ދުނިޔެ

ޤައުމީ ދިފާޢާ ގުޅޭ ކަންކަމާމެދު ވާހަކައެއް ނުދެއްކޭނެ- އީރާން


އީރާނުގެ މިސައިލް ޕްރޮގްރާމަކީ ޤައުމީ ދިފާޢާ ގުޅިފައިވާ ޕްރޮގްރާމެއް ކަމަށާ އެޕްރޮގްރާމާ ބެހޭގޮތުން އެމެރިކާއާވެސް އަދި އެހެންޤައުމަކާވެސް ވާހަކަ ނުދައްކާނެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ މިސައިލް ޕްރޮގްރާމާއި އީރާނުގެ ޤައުމީ ދިފާއާބެހޭ އެނޫންވެސް ކަންކަމަކީ އީރާނުން އެކަންކަމާބެހޭގޮތުން އެހެންފަރާތްތަކާ ދުވަހަކުވެސް ވާހަކަ ދައްކާނެ ކަންތައްތަކެއް ނޫންކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް މިމޭރުމުން ވާހަކަ ދެއްކެވީ އެސްޓޯނިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ތެހެރާންގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ. ޒަރީފްގެ ވާހަކަތައް އަމާޒު ކުރައްވާފައިމިވަނީ އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމަށެވެ.

ގަލްފުގެ ކުޑަ ޤައުމެއްކަމަށްވާ ބަހްރައިންއަށް ކުރެއްވި ދަތުރުފުޅެއްގައި ކެރީ ވަނީ އީރާނުގެ މިސައިލް ޕްރޮގްރާމަކީ މައްސަލަ އެއްކަމަށް ސިފަކުރައްވައި އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރި ގޮތަށް އެމައްސަލަވެސް ހައްލުކުރުމަށް އީރާނާއެކު ވާހަކަދައްކަން އެމެރިކާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އީރާނުން ކުރާ މިސައިލް ތަޖްރިބާތަކަކީވެސް އދ. ގެ ގަރާރުތަކާ ޚިލާފު އަމަލެއްކަމަށްބުނެ އެމެރިކާގެ މަސްއޫލުވެރިން އީރާނާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވައެވެ. ނަމަވެސް އީރާނުގެ މަސްއޫލުވެރިން ވިދާޅުވަނީ އެޤައުމުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ ވާހަކަދެއްކި ގޮތަށް މިސައިލް ޕްރޮގްރާމާބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށާ މިސައިލް ޕްރޮގްރާމަކީ އީރާނުގެ ޤައުމީ ދިފާއާ ގުޅިފައިވާ ޕްރޮގްރާމެއްކަމަށެވެ. އަދި މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރުމަކީ އދ. ގެ އެއްވެސް ގަރާރެއްގައި އީރާނަށް މަނާކޮށްފައިވާ ކަމެއްނޫންކަމަށާ އަދި އެއީ ބައިނަލްއަގްވާމީ ޤާނޫނުތަކުގެ ދަށުން އީރާނަށް މަނާކުރެވޭނެ ކަމެއްނޫންކަމަށްވެސް އީރާނުން ބުނެއެވެ.

ކެރީ ގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ ހަތިޔާރުގެ މައްސަލާގައި އެމެރިކާ އިޚްލާސްތެރިނަމަ އެމެރިކާ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެމެރިކާގެ ބަރުހަތިޔާރު އެހެން ގައުމުތަކަށް ވިއްކުން މަދުކުރުންކަމަށާ އެމެރިކާގެ ހަތިޔާރުތަކުން ޔަމަންގެ އާންމުން ކޮންމެދުވަހަކު މަރުވަމުންދާކަމަށް ޒަރީފް ވިދާޅުވިއެވެ.

އީރާނުގެ ބައެއް އެހެން މަސްއޫލުވެރިންވެސް ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. މިގޮތުން އީރާނުގެ ދިފާއީ ވަޒީރު ހުސައިން ދަހްގާން ވަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ބައެއް ޖަމާއަތްތަކަށް ސިއްރިޔާތުގައި އެމެރިކާ ހަތިޔާރު ދެމުންގެންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މި ސަރަހައްދުގެ ޤައުމުތަކުގައި ހިނގާ ކޮންމެ ހަމަނުޖެހުމެއްގެ ފަހަތުގައި އެމެރިކާ އޮންނަ ކަމަށް ވިދާޅުވަމުން ދަހްގާންވަނީ ހަމަނުޖެހުންތަކަށް ހިއްވަރު ދިނުން ހުއްޓާލުމަށްފަހު ގަލްފާއި މެދުއިރުމަތި ދޫކޮށް ދިޔުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.