ނ.މާފަރު ކައުންސިލުން ލޯކަލް ޓޫރިޒަމަށް ދޫކުރައްވަން އިޢުލާން ކުރެއްވި ބިންތަކަށް ބިޑް ކުރި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓުކުރައްވައި ނިމިފައިވާ ކަމަށް މާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ބޭނުމަށް 50 އަހަރަށް ކުއްޔަށް ދޫކުރާ މި 5 ބިމަށް 20 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ކުރިމަތިލީ ފަރާތްތަކުގެ ޕްރޮޕޯސަލް ތައް އިވެލުއޭޓު ކުރެއްވުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި 5 ފަރާތް ކަނޑައަޅާފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ލިޔުމުން ޖަވާބު ދެއްވުމުގެ މަސައްކަތް ކަމަށްވެސް އާމިރު ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރެއްވުމަށް 52428 އަކަފޫޓުގެ 5 ބިން މާފަރު ކައުންސިލުން ދޫކުރައްވަން ކުރެއްވި އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ ހުސްވި މާރޗު މަހުގެ 24 ވަނަ ދުވަހުގައެވެ. 50 އަހަރުގެ މުއްދަތަށް ދޫކުރާ މި ބިންތައް ކުއްޔަށް ނަގާ ފަރާތްތަކަށް ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސް ދުވަސް ދެވޭނެ ކަމަށާއި އެ މުއްދަތުގައި ބިމުކުލީގެ ގޮތުގައި ކައުންސިލަށް ދައްކަން ޖެހޭނީ މަހަކު އަކަފޫޓަކަށް 18 ލާރީގެ ރޭޓުން ކަމަށް މާފަރު ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އަދި އެ މުއްދަތަށްފަހު ބިމުކުލީގެ ގޮތުގައި މަހަކު އަކަފޫޓަކަށް 50 ލާރިއަށްވުރެ ކުޑަނޫން އަދަދެއް ނެގިގެންދާނެ ކަމަށްވެސް އެކައުންސިލު މަޢުލޫމާތުދެއެވެ.
ލޯކަލް ޓޫރިޒަމަށް ދޫކުރެވޭ މި ބިންތަކުގައި ގްރޭސް ޕީރިއަޑުގެ 18 މަސްދުވަހުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދާ ފަރާތްތަކުގެ އެގްރީމެންޓް ބާޠިލުކޮށް އެފަރާތްތަކުން ބިން ވަކިކުރެވޭނެ ކަމަށްވެސް މާފަރު ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މާފަރަކީ ނޫނު އަތޮޅުގައި އެއާޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ބީލަމަށް ލާފައިވާ ރަށެކެވެ.