ޚަބަރު

ދިރާސީ އައު އަހަރު ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް މަސައްކަތްކުރައްވަނީ


  • ޤައުމިއްޔަތު މާއްދާ މަންހަޖުގައި ހިމެނުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި

  • ރަމަޟާން މަސް ކުލަގަދަކޮށް ފާހަގަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ދީނީ ދުވަސްތައް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ދިރާސީ އައު އަހަރު ސަރުކާރު ސްކޫލްތަކުގައި ޤައުމިއްޔަތު މާއްދާ ކިޔަވާދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ދިރާސީ އައު އަހަރު ފެށޭއިރު، ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ނާޡިމް ވިދާޅުވީ ޤައުމިއްޔަތު ކިޔަވާދިނުމަށް ވަކި މާއްދާއެއް ޤައުމީ މަންހަޖުގައި ހިމެނުމުގެ މަސައްކަތް ރައީސް އޮފީހާއި މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

ތަޢުލީމުގެ ޤައުމީ މަންހަޖުގައި ޤައުމިއްޔަތުގެ ނަމުގައި މާއްދާއެއް ތަޢާރަފްކޮށް މިމާއްދާ ކިޔަވައިދިނުމުގެ މަޤްސަދަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ޤައުމިއްޔަތަށް ލޯބިކުރާ އަދި ޤައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށާއި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ޤައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް ސްކޫލް ތަޢުލީމު މަންހަޖުގެ ތެރެއަށް ތަޢާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ރާއްޖޭގައި ފާހަގަކުރާ އިސްލާމީ މުހިންމު މުނާސަބު ދުވަސްތައް، ޤައުމީ ފެންވަރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފާހަގަކުރުމަށް ޢަމަލުކުރަންޖެހޭ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

އެގޮތުން ރަމަޟާން މަހަށް ތައްޔާރުވުމާއި އެމަސް ކުލަގަދަކޮށް ފާހަގަކުރުމާއި، ދެޢީދު ދެދުވަހާއި، ރާއްޖެ އިސްލާމްވީ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.