ދުނިޔެ

ސްޓެފަން ދިމިސްޓޫރާ އީރާނަށް ވަޑައިގެންފި


ޖެނީވާގައި ފެށުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި އދ.ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ދިމިސްޓޫރާ އީރާނަށް ވަޑައިގެންފިއެވެ.

އީރާނަށް ވަޑައިގަތުމުގެ ކުރިން ދިމިސްޓޫރާ ވަނީ ރަޝިޔާ އަށާއި ސޫރިޔާއަށް ވަޑައިގެންފައެވެ.

ދިމިސްޓޫރާ އީރާނަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް މަސްޢޫލުވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންތައް އިތުރަށް ހަރުދަނާ ކުރުމާއި ހަނގުރާމައިގެ ސަބަބުން ޙިސާރުކޮށްފައިވާ ސޫރިޔާގެ ރަށްތަކާއި ސަރަޙައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މައްސަލަ ހިމެނެއެވެ. ނަމަވެސް އޭނާގެ ދަތުރުފުޅުގެ އެންމެ ބޮޑު މަޤްސަދަކީ ބުދަ ދުވަހު ޖެނީވާގައި ފެށޭ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގެ 2 ވަނަ ބުރުގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކަށް އީރާނުގެ ތާއީދު ހޯއްދެވުމެވެ.

އީރާނަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމަށް މަސައްކަތްކުރާ ޤައުމެކެވެ. ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގެ 2 ވަނަ ބުރަށް އެޖެންޑާކޮށްފައިވާ މައުޟޫޢުތަކުގެ ތެރެއިން އެންމެ ހައްސާސް މައުޟޫއަކީ ސޫރިޔާގައި ވަކިފަރާތަކަށް ނުޖެހޭ މުސްތަޤިއްލު އިންތިގާލީ ސަރުކާރެއް ޤާއިމްކުރުމެވެ. މިއީ ސޫރިޔާ ސަރުކާރާއި އިދިކޮޅު ޖަމާއަތްތަކާ ދެމެދު އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެވެ.

އިދިކޮޅު ޖަމާއަތްތަކުން ބޭނުންވަނީ ރައީސް ބައްޝާރުލްއަސަދުގެ އެއްވެސް ބައިވެރިވުމެއްނެތި އޭނާ އެއްފަރާތްކޮށްފައި އެހެން ބޭފުޅެއްގެ ޒައާމަތުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމެވެ. ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ތާއީދުކުރާ ސައޫދީ އަރަބިއްޔާއާއި އެމެރިކާއާއި ވިލާތުގެ ޤައުމުތައްވެސް ބޭނުންވަނީ މިގޮތެވެ. ނަމަވެސް ސޫރިޔާ ސަރުކާރާއި އެސަރުކާރަށް ތާއީދުކުރާ އީރާނާއި ރަޝިޔާ މިކަމަށް ދެކޮޅު ހަދައެވެ. މި ފަރާތްތަކުން ބޭނުންވަނީ ސޫރިޔާގެ އިދިކޮޅު ލީޑަރުން ހިމަނައިގެން ރައީސް ބައްޝާރުލްއަސަދުގެ ޒަޢާމަތުގައި އިންތިގާލީ ސަރުކާރެއް އުފެއްދުމަށެވެ. މިމައްސަލަ ހައްލު ނުކުރެވިއްޖެނަމަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ރޫޅިގެން ހިނގައިދާނެކަމުގެ އިންޒާރު ދިމިސްޓޫރާ ވަނީ ދީފައެވެ.

ދިމިސްޓޫރާ އާ ބައްދަލުކުރެއްވުމަށްފަހު އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޙުސައިން އަމީރު އަބްދުއްލީހާން ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަށް އީރާން ތާއީދުކުރާ ކަމަށާއި ދިމިސްޓޫރާގެ މަސައްކަތްތަކަށް އީރާނުން އެއްބާރުލުންވެސް ދޭނެކަމަށެވެ. ނަމަވެސް ސޫރިޔާގައި އުފެއްދުމަށް މަސައްކަތްކުރާ އިންތިގާލީ ސަރުކާރާބެހޭގޮތުން ސީދާގޮތެއްގައި އޭނާ ވާހަކަ ދައްކަވާފައެއްނުވެއެވެ.

އީރާނަށް ވަޑައިގަތުމުގެ ކުރިން ދިމިސްޓޫރާ ވަނީ އިންތިގާލީ ސަރުކާރުގެ މައްސަލާގައި ސޫރިޔާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ.