ޚަބަރު

ހިޔަލަ ވީކެންޑް މަރކެޓް މިއަދު ހަވީރު ފަށަނީ


  • މިއީ ހަފްތާ 14 މަގުޗާޓުގައި ހިމަނާފައިވާ މަސައްކަތެއް

  • އަންހެނުން އުފައްދާ ތަކެތި ވިއްކުމަށް ހުޅުމާލޭގައި ޚާއްސަ ސަރަހައްދެއް ކަނޑައަޅާނެ

  • މި މަރކެޓު ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާނެ

އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މަރކެޓް"މިއަދު ހަވީރު ފަށާނެއެވެ..

"ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުން އެކަށައަޅާފައިވާ "ހަފްތާ 14 މަގުޗާޓު"ގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކުރެވޭ މާކެޓެކެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މަރކެޓް، ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ދާނެއެވެ. މި މަރކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މަރކެޓް ކުރިއަށްދާނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. މި މަރކެޓް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30ގައެވެ. މި މަރކެޓް ރަސްމީކޮށް ފައްޓަވައި ދެއްވާނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ.

މި މަރކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މަރކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް، ވެއިޓްލިސްޓް ކުރެވޭނެއެވެ.

"ހިޔަލަ ވީކެންޑް މަރކެޓް"ގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމުގައި، އެޗްޑީސީ، އާރުޑީސީ، އެސްޑީއެފްސީ އަދި އެމްއޭސީއެލްއިން ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.