ޚަބަރު

އިތުރު 80 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ޤާއިމުކުރަން ފަންޑް ވަނީ ލިބިފައި: ޠާރިޤު


  • 30 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ޗައިނާ ކުންފުންޏަކަށް

  • މި މަޝްރޫޢުއިން ޖުމްލަ 5.88 މެގަވޮޓްގެ ސޯލަރ ހަކަތަ ޤާއިމުކުރެވޭނެ

  • މި މަޝްރޫޢަށް އެކަނިވެސް 16.1 މިލިއަން ޑޮލަރު ހޭދަވާނެ

ރާއްޖޭގައި އިތުރު 80 މެގަވޯޓްގެ އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމަށް ބޭނުންވާވަރަށް މާލީ އެހީ ހަމަޖެހިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ކުޑަކޮށް އިއާދަކުރަނިވި ހަކަތައަށް ރާއްޖެއިން ކުރާ މަސައްކަތުގައި، މިއަދު މިވަނީ ކ، އއ، އދ އަދި ވ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ. މި މަޝްރޫޢަކީ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާޙީމެވެ. އަދި ޗައިނާގެ ސީ.އެމް.އައި.ސީ ސިނޯސާ ކޮންސޯޓިއަމްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ޒިއައޮ ޕިންގއެވެ.

މި 4 އަތޮޅުގެ 30 ރަށުގައި ޖުމްލަ 5.88 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް، 4.45 މެގަވޮޓް އަވަރަ ބެޓެރި ސްޓޯރޭޖް ޤާއިމުކުރެއެވެ. މި ޕްރޮޖެކްޓްގެ ސަބަބަން، ތެލަށް ކުރާ ހޭދައިން އަހަރަކު 33 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެެ.

ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، މަސައްކަތްކުރައްވަމުން ގެންދަވަނީ، ސަރުކާރުން ކަނޑައަޅާފައިވާ %33 އަށް އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމުގެ ޢަމާޒަށް 2028 ވަނަ އަހަރުގެ ނިޔަލަށް ވާސިލްވުމަށްކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ޢަމާޒަށް ވާސިލުވުމަށް 450 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ޤާއިމުކުރަން ޖެހޭކަމަށެވެ. މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވަނީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައެވެ.

"އެކި ގޮތްގޮތުން މިހާރު ލިބިފައި އެބަހުރި އިތުރު 80 މެގަވޮޓް ޤާއިމުކުރެވޭނެ ފަންޑު. އަމާޒަކީ މި މަސައްކަތް 2-3 އަހަރުން ނިންމާލުން. އަވިން ހަކަތަ އުފެއްދުމުގެ އިތުރުން ކަނޑުގެ އޮއިވަރާއި ވައިން ހަކަތަ އުދެއްދުމުގެ ދިރާސާއެއް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާނަން." ވަޒީރު ވިދާޅުވިއެވެ.

ކ، އއ، އދ އަދި ވ އަތޮޅުގެ މީހުން ދިރިއުޅޭ 30 ރަށުގައި އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމުގެ މަޝްރޫޢުއަށް ސަރުކާރުން 16.1 މިލިއަން ޑޮލަރު ހޭދަކުރެއެވެ. ވަޒީރު ވިދާޅުވީ މި އެހީއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ އެހީގައި ލިބިފައިވާ ފަންޑެކެވެ.

ވަޒީރު ވިދާޅުވީ ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ކުންފުނިތަކަށް ލުއިފަސޭހަވާނެ ގޮތްތަކަށްވެސް ކަންކަން ފަހިކޮށްދެއްވާނެކަމަށެވެ.