ރާއްޖޭގައި މޮޑަން ޖުޑީޝަލް ސިސްޓަމެއް ޤާއިމްކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ސުޕީރިއަރ ކޯޓްތަކަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމް ވިދާޅުވީ ރާއްޖެއަށް އަންނަމުންދާ ބޮޑެތި ބިޔަ މަޝްރޫއުތަކާއި ތަރައްގީއާއި އެކު ޝަރުއީ ދާއިރާއަށްވެސް ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ. މިގޮތުން ޒަމާނީ ޝަރުއީ ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު މިހާރު އޮތް ނިޒާމްގައި ހުރި އުނިކަންކަން ފާހަގަކޮށް އެކަން އިސްލާހްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ގާނޫނުތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެނައުމާއި އުފައްދަންޖެހޭ މުވައްސަސާތައް އުފެއްދުންފަދަ ކަންކަން ފާހަގަކުރެވިފައިވާކަން ލަތީފާ ޤާސިމް ފާހަގަކުރެއްވިއެވެ.
ސުޕީރިއަރ ކޯޓްތަކަށް ފަނޑިޔާރުން އައްޔަންކުރެއްވުމަށް މިރޭ ސުޕްރީމްކޯޓްގައި ބޭއްވެވި ރަސްމިއްޔާތުގައި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅުން އަދި ސިވިލްކޯޓްގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވާފައިވެއެވެ.
ކުރިމިނަލްކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވަނީ މާލޭ ދަފްތަރު 3087 ޢަލީ އާދަމްއާއި ހއ ކެލާ ދެރަހަ އާދަމް އާރިފްއެވެ. މީގެތެރެއިން ޢަލީ އާދަމް މިހާތަނަށް ހުންނެވީ ކުރިމިނަލްކޯޓްގެ ރެޖިސްޓަރަރގެ މަޤާމުގައެވެ. ޢަލީ އާދަމް އަކީ ޝަރިއްޔާއި ޤާނޫނޫން ބެޗްލަރ ހާސިލްކުރައްވާ ޝަރީއާއިން މާސްޓަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އާދަމް އާރިފް ވަނީ ޝަރިއްޔާއާއި ޤާނޫނުން ޑިގްރީ ހާސިލްކުރައްވާފައެވެ. އޭނާ މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުގައެވެ. އަދި އާދަމް އާރިފަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތްޕުޅުން ވަކާލާތުވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސިވިލްކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވި ދެބޭފުޅުންނަކީ ސ ފޭދޫ ބެލޫން މަރިޔަމް ވަހީދާއާއި މާލޭ ދަފްތަރު ނަމްބަރު 2560 އާދަމް އިބްރާހިމް އިސްމާއިލްއެވެ. މި ދެބޭފުޅުންގެ ތެރެއިން މަރިޔަމް ވަހިދާއަކީ ޝަރިއްޔާއާއި ޤާނޫނުން ޑިގްރީ ހާސިލްކުރައްވާ ޝަރީއްޔާއިން މާސްޓަރސް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އާދަމް އިބްރާހިމް އަކީ ޝަރިއްޔާއާއި ޤާނޫނުން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މި ދެބޭފުޅުންވެސް މިހާތަނަށް ތިއްބެވީ މެޖިސްޓްރޭޓުންގެ ގޮތުގައެވެ.