ސޫރިޔާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސަރުކާރުގެ ޑެލިގޭޝަނާއި އދއިން ސޫރިޔާއަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު ސްޓެފާން ދީ މިސްތޫރާ ޖެނީވާގައި ބައްދަލްކުރައްވައިފިއެވެ.
އދއިން ސޫރިޔާއަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސޫރިޔާގެ ސަފީރު ޖައްފާރީ ވިދާޅުވީ މިސްތޫރާއާއި އެކު ބޭއްވި ބައްދަލްވުމަކީ ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. ޖައްފާރީ ވިދާޅުވީ މިބައްދަލްވުމުގައި އެންމެ ފަހުން ބޭއްވުނު ސޫރިޔާގެ ސުލްހައިގެ މަޝްވަރާގައި ހުށަހެޅިފައިވާ 12 ޝަރުތުގެ މައްޗަށް ބައްލަވާ އދގެ މަންދޫބާއި އެކު މަޝްވަރާކުރެވުނުކަމަށެވެ.
ޖައްފާރީ ބުނީ މިބާރަ ޝަރުތުގެ ކަރުދާހަކީ އެންމެ ފަހުން ޖައްފާރީއާއި ސޫރިޔާ ސަރުކާރުގެ ފަރާތުން ބައްދަލްކުރި އިރު ހުށަހެޅި ކަންތައްތަކުގެ މައްޗަށް އެކުލަވާލާ ތައްޔާރުކޮށްފައިވާ ކަރުދާހެއްކަމަށެވެ. ސޫރިޔާގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރިޔަށް ގެންދާ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށާފައި ވަނީ މިދިޔަ ބުދަދުވަހުއެވެ.