ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް މަޝްރޫޢާއެކު އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ހުޅުމާލޭގައި ތަރައްޤީކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖޭގައި ކުރިއަށްގެންދާ ވަޤުފުގެ ބޮޑު މަޝްރޫޢަކީ 200 މިލިޔަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ. މިމަޝްރޫޢުގެ ޑިޒައިނަށް ކުޑަބަދަލެއް ގެންނަން ޖެހޭތީ ބިންގާ އެޅުން ލަސްވި ނަމަވެސް ބީއެމްއެލް އިސްލާމިކް ބޭންކާ ވާހަކަދައްކައިގެން އެމަޝްރޫޢަށް ބޭނުންވާ ފަންޑް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ މަޝްރޫޢާއެކު އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ކަންކަން ކުރިއެރުވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ނިކަން ބައްލަވާ ދާރުލް އީމާންގެ ވަގުފް އިމާރާތް ޤާއިމްކުރުމުން އަހަރަކު 6މިލިޔަން ރުފިޔާ ލިބޭ މިހާރު މިސްކިތް ފަންޑަށް. މިސްކިތް ފަންޑަށް ފައިސާ ލިބޭ އެ ނޫން އެހެން ޕްރޮޕަޓީއެއް ނުއެއް ނެތް. ކެބިނެޓުން މިހާރު ފާސްކޮށްފައި މިވަނީ ރާއްޖޭގައި އެންމެ ބޮޑު ވަގުފް އިންވެސްޓްމަންޓް ޤާއިމްކުރުމަށް. އެއާއެކު ކައުންސިލްތަކަށް ހުރި ދަތިތައް ފިލާދާނެ. މިސްކިތްތަކުގެ ޒީނަތްތެރިކަމާއި ސާފުތާހިރުކަން އިޔާދަވެގެންދާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި މިއަހަރު ތެރޭ ވަޤުފުގެ 6 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް ވަނީ ހިމަނާފައެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ މިސްކިތްތައް ހުރީ ވަރަށް ދެރަ ހާލަތުގައިކަމަށާއި އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން މިސްކިތްތަކުގެ މަރާމާތައް ކުރާ ޚަރަދު 3 ގުނަ އިތުރު ކުރައްވާފައިވާކަމަށެވެ. އެގޮތުން ރޯދަމަހަށް މިސްކިތްތައް މާރާމާތު ކުރުމުގެ މަސައްކަތްތަކާއެކު ގާތްގަޑަކަށް 15 މިލިޔަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި 700 އެއްހާ މިސްކިތް ހުރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ މި ސަރުކާރުން މިސްކިތްތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް މަސައްކަތް ފަށާ ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށުމަށްޓަކައި ފައިސާ ނުދީ ހުރި ކުންފުނިތަކަށް ފައިސާ ހަވާލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިސްކިތްތަކަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް އަޢުޤާފް ޕްރޮޕަޓީސްތައް ރާއްޖޭގައި ޤާއިމްކުރުމަށް އައުޤާފްގެ ނިޒާމަކީ އިސްލާމީ އިޤްތީޞާދީ ނިޒާމްގެ މުހިއްމު އަސާސެއްކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.