ޚަބަރު

ބ.އަތޮޅު ހަތަރު ފިނޮޅު 10 އަހަރަކަށް ކުއްޔަށް ދެނީ؛ އަހަރަކު 2.4 މިލިއަން ރުފިޔާ


  • ފިނޮޅުތައް ކުއްޔަށްދެނީ ސީއެސްއާރު ޕްރޮޖެކްޓެއްވެސް ހިމެނޭގޮތަށް

  • ފިނޮޅުތައް ކުއްޔަށްދީގެން ކައުންސިލްގެ މާލީ ހާލަތު ރަނގަޅުވާނެ

ބ.އަތޮޅުގައި ހަތަރު ފިނޮޅެއް 10 އަހަރަށް ކުއްޔަށް ދިނުމަށް އެއަތޮޅުގެ ކައުންސިލުން ނިންމައިފިއެވެ. ދިގުމުއްދަތަށް ފިނޮޅު ކުއްޔަށް ދިނުމަށް ނިންމީ ދިގުމުއްދަތަށް ކުއްޔަށް ދީގެން ކައުންސިލްގެ މާލީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށް ފެންނާތީ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

ބ.އަތޮޅުން ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ނުރައުފުރިފަރު ފިނޮޅު، ވިލިނގިލިފަރު ފިނޮޅު، ލަނޑާ ގިރާވަރު ރިސޯޓްގެ އިރުމަތީގައި އޮންނަ ފިނޮޅާއި އެރިސޯޓްގެ ހުޅަނގުން އޮންނަ ފިނޮޅެވެ. މި ހަތަރު ފިނޮޅުގެ ތެރެއިން ތިން ފިނޮޅެއް މީގެ ކުރިން ނަގާފައި ވަނީ ރިސޯޓްތަކުންނެވެ. އަނެއް ފިނޮޅު ނަގާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. މި 4 ފިނޮޅު ކުއްޔަށް ދީގެން މީގެ ކުރިން އަހަރަކު 2.4 މިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ހޯދާފައެވެ.

މިފިނޮޅުތައް ދިގުމުއްދަތަށް ކުއްޔަށް ދެނީ ސީއެސްއާރު މަޝްރޫއަކާވެސް އެކުއެވެ. ފިނޮޅުތައް ހޯދުމަށް ހުށައަޅާއިރު، ސީއެސްއާރުގެ ގޮތުގައި މަދުވެގެން ފަސްލައްކަ ރުފިޔާ ހިމަނަން ޖެހޭނެ ކަމަށާއި، ސީއެސްއާރުގެ ގޮތުގައި ހުށައަޅާ ފައިސާ ދެއަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށްވެސް ކައުންސިލުންވަނީ ހާމަކޮށްފައެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާޙް ވިދާޅުވީ މިކަމުގެ ސަބަބުން ކައުންސިލްގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އަމާޒު އެއީ ކައުންސިލްތަކުގެ މާލީ ހާލަތު ރަނގަޅު ކުރުން، ބ.އަތޮޅުގައި އޮތް ފިނޮޅުތައް މީގެ ކުރިން ރިސޯޓްތަކުން ބޭނުން ކުރަމުން އައީ އެއްވެސް ކުއްޔެއް ނެތްގޮތަށް، އެހެން ނަމަވެސް މިހާރު ރައްޔިތުންނަށް މިކަމުގެ ފައިދާ ރައްޔިތުންނަށް އެބަކުރޭ، އެހެންވެ މިފިނޮޅުތައް 10 އަހަރަށް ދޭންނިންމީ" އަޙުމަދު އަފްރާޙް ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތަކީ މިހާތަނަށް ވެރިއަކު ކައުންސިލްތައް ބާރު ވެރިކުރުވުމަށް ފެއްޓެވި އެންމެ މުހިންމު މަސައްކަތް ކަމަށް އަފްރާޙް ވިދާޅުވިއެވެ. އަދި އެކަމުގެ ފައިދާ ކައުންސިލްތަކަށްކޮށް، ކުރިމަގުގައި ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ މުޙިންމު ޙިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލްކަން ކައުންސިލްތަކަށް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްތައް ބާރުވެރިކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުއިއްޒު ފައްޓަވާފައިވާ މަސައްކަތަކީ މުހިންމު މަސައްކަތެއް، އެއީ މިހާތަނަށް ކައުންސިލްތައް ބާރުވެރި ކުރުވުމަށް ފެއްޓެވި އެންމެ މުހިންމު މަސައްކަތް، އެތައް ގޮތަކުން ކައުންސިލްތަކަށާއި ރައްޔިތުންނަށް މިކަމުގެ ފައިދާކުރާނެ، ރައީސްގެ ދުރު ވިސްނުމުގެ ފައިދާ މުސްތަޤުބަލުގައި ރައްޔިތުންނަށް ލިބެމުންދާތަން ދާނީ ފެންނަމުން" ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާހް ވިދާޅުވިއެވެ.

ބ.އަތޮޅުގައި އޮތް ގިނަ ފިނޮޅުތަކެއް ކުއްޔަށް ދިނުމަށް ކައުންސިލުން މީގެ ކުރިން ނިންމި ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހު ކުރީ ސަރުކާރުން ބ.އަތޮޅުގެ ހަތަރު ސަރައްހައްދެއް ހިމާޔަތް ކުރުމުން އެފިނޮޅުތައް ވަނީ ކުއްޔަށް ދެވޭގޮތް ނުވެފައެވެ.

ބ.އަތޮޅަކީ ގުދުރަތީ ރީތިކަން ވިއްކައިގެން މިހާރުވެސް ނަފާ ނެރެމުންދާ އަތޮޅަކެވެ. އަދި ބ.އަތޮޅަކީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއަރ ރިޒާވްވެސްމެއެވެ.