ޚަބަރު

ދިރާގަށް މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް


  • ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުން

  • މޯބައިލް ޚިދުމަތްތަކުން 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައި

  • ފިކްސްޑް، ބްރޯންޑްބޭންޑު އަދި އެންޓަޕްރައިސްއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވޭ

  • ފައިދާގެގޮތުގައި ދިރާގަށް މިދިޔަ އަހަރު ލިބިފައިވަނީ 896 މިލިއަން ރުފިޔާ

ދިރާގަށް މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއަދަދަކީ 2022ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 2.5 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 1.9 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އަހަރު ނިމުނުއިރު، މޯބައިލް ޚިދުމަތްތަކުން 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. އަދި ފިކްސްޑް، ބްރޯންޑްބޭންޑު އަދި އެންޓަޕްރައިސްއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރު ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 1.1 ބިލިއަން ރުފިޔާގައެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ދިރާގަށްވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެގޮތުގައި ދިރާގަށް މިދިޔަ އަހަރު ލިބިފައިވަނީ 896 މިލިއަން ރުފިޔާއެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2022ވަނަ އަހަރު އެކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 1.1 ބިލިއަން ރުފިޔާގައެވެ. އަދި އެ އަހަރު ނިމުނު އިރު ކުންފުންޏަށްވަނީ 909 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.