އެކި ވިޔަފާރިތައް ހިންގާ ދިވެހި ކަނބަލުންގެ އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްގެން ހަފްތާ ބަންދުގައި ބާއްވަމުން އަންނަ "ހިޔަލަ ވީކެންޑް މަރކެޓް" ބުރާސްފަތިދުވަހުވެސް ބޭއްވުމަށް ނިންމަވައިފިއެވެ.
އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. ،މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާއި އެއްގޮތަށް، ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވައިގެން ހިޔަލަ ވީކެންޑް މަރކެޓް ފެށީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މަރކެޓް" މިހާތަނަށް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ނަމަވެސް މަރކެޓަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމަށާއި، އަންހެން ވިޔަފާރިވެރިންނަށް މަރކެޓްގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުސަތުދިނުމުގެ ގޮތުން، ވިޔަފާރިތަކުގެ އަދަދު އިތުރުކުރުމަށް ހަފްތާއަކު ތިން ދުވަހު ހިޔަލަ ވީކެންޑް މަރކެޓް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބީސީސީން ބުނެއެވެ. އެހެންކަމުން ހުކުރު، ހޮނިހިރުގެ އިތުރުން ބުރާސްފަތިދުވަހުވެސް ވީކެންޑް މާކެޓް އޮންނަނެކަމަށް ބީސީސީން ބުނެއެވެ،
ބީސީސީން ބުނީ މާކެޓް އޮންނާނީ އެ ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.
އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ކުރިއަށްދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންޓެއިނަރ ޕާކު ސަރަހައްދުގައެވެ. ހިޔަލަ ވީކެންޑް މަރކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީސީސީން ބުނެއެވެ. ބީސީސީން ބުނީ މަރކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ގެޒެޓްކޮށްފައިވާ ޢިއުލާން މެދުވެރިކޮށް ވެއިޓްލިސްޓް ކުރެވޭނެ ކަމަށެވެ.
ބީސީސީން ވިދާޅުވީ ކޮންމެ ހަފްތާއަކުވެސް މަރކެޓުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާނީ ވެއިޓް ލިސްޓް ކުރާ ތަރުތީބުން ކަމަށެވެ. އެގޮތުން މިހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 18 އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް މަރކެޓުގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވިއެވެ.
މި މާކެޓުގެ ތެރެއިން ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކައި ޢާމްދަނީ ހޯދުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެ ކަމަށް ބީސީސީން ވިދާޅުވެއެވެ.