ޚަބަރު

ގެއްލުން ލިބުނު ގެތަކަށް ކޯސްޓްލައިންގެ ފަރާތުން އެހީވަނީ


އަލިފާނުގެ ޙާދިސާގައި އެނދި ކޯސްޓްލައިން ހާރޑްވެއަރ ފިހާރައިގެ ވަށައިގެން ހުރި ގެއްލުން ލިބުނު ގެތަކަށް އެއްމިލިޔަން ރުފިޔާގެ އެހީއެއް ދިނުމަށް ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ނިންމައިފިއެވެ. 

އެ ކުންފުނިން މިގޮތަށް ނިންމީ އަލިފާނުގެ ޙާދިސާގައި ބައެއް ގެތަަކަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާތީ އެކަން ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުންނެވެ. މި މަހުގެ 18 ވަނަ ދުވަހު ހަވީރު، މާފަންނު އޯޝަންލީޑްގައި ހުންނަ ކޯސްޓްލައިންގެ ފިހާރައިގައި އަލިފާން ރޯވެ، 4 ގަޑިއިރު ވަންދެން އަލިފާންގަޑު ކޮންޓްރޯލްނުވެ، ދިގުލައިގެން ދިއުމާ ގުޅިގެން، އެ ފިހާރައިގެ ވަށައިގެން ހުރި ބައެއް ގެތަކަށް ގެއްލުން ލިބިފައިވެއެވެ. ބައެއް ގޭގެ ވަނީ ބޮޑ މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ގޭގައި ހުރި މުދަލާއި ކިޔަވާ ކުދިންގެ ހުރިހާ އެއްޗެއްވެސް އަނދާފައިވެއެވެ. އަދި ޢާއިލާތަކަށް ގެ ދޫކޮށް ދާންޖެހި، ސަރުކާރުން ގެންދަވަނީ އެ ގެތަކުގެ ޢާއިލާތަކަށް ވަގުތީގޮތުން ހިޔާވަހިކަމާއި ޟަރޫރީ ކަންކަން އިންތިޒާމްކޮށްދެއްވާފައިވެއެވެ.

މިކަމާ ގުޅިގެން ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ނިންމާފައިވަނީ އެ ގެތަކަށް ލިބުނު ގެއްލުން ފޫބެއްދުމަށް 1 މިލިޔަން ރުފިޔާގެ އެހީއެއް ދިނުމަށެވެ. މިފައިސާ މިހާރު ވަނީ ޑިޒާސްޓަރ މެނޭޖްމަންޓާ ޙަވާލުކޮށްފައެވެ. އެ ކުންފުނިން ބުނީ މި ފައިސާ ސަރުކާރާ ޙަވާލުކުރީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމައިގެން ކަމަށެވެ. އަދި އެހީގެ ގޮތުގައި ސަރުކާރާ ޙަވާލުކުރި ފައިސާ، ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ހަމަޖައްސަވާ އުޞޫލުގެ މަތިން ޙަވާލުކޮށްދިނުމަށް އެދިފައިވާނެކަމަށް ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް ގެންދަވަނީ ގެއްލުން ލިބުނު ޢާއިލާތަކަށް ސަރުކާރުގެ އެހީދެއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި ނިމޭނެކަމަށާއި ކުރިޔަށް އޮތް 2 ދުވަހުގެ ތެރޭގައި މި އެސެސްމަންޓް ނިމޭނެކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

މި އަލިފާނުގެ ޙާދިސާއަށްފަހު، އެހީތެރިކަން ބޭނުންވާ 136 މީހުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގެ ދަށަށް ގެންދެވިއެވެ. މީގެތެރެއިން 49 މީހަކު އާންމު ހާލަތަށް ރުޖޫޢަވެފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައެވެ. އަދި ބާކީ ތިބި 87 މީހުން އަދިވެސް އެ ސެންޓަރުގެ ބެލުމުގެ ދަށުން ގެސްޓް ހައުސްތަކުގައި އެކަމޮޑޭޓްކުރެވިފައިވާ ކަމަށް އެސެންޓަރުން ވިދާޅުވިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ތަސްނީމް ވިދާޅުވީ އަލިފާނުގެ ޙާދިސާއާ ގުޅިގެން 2 އެސެސްމަންޓެއް ހައްދަވަމުން ގެންދަވާކަމަށެވެ. އެއީ، އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކުގެ އެސެސްމަންޓަކާއި އަލިފާނުގެ ޙާދިސާގެ އެސެސްމަންޓެއް ކަމަށް ތަސްނީމް ވިދާޅުވިއެވެ.

ތަސްނީމް ވިދާޅުވީ ޙާލުގައި ޖެހުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބޭނެކަމަށް ލަފާކުރެއްވެނީ ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިޙާދިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބެންދެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެމީހުން ސަރުކާރުގެ ފަރާތުން ބަލަހައްޓަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެސެންޓަރުން ދެއްވައެވެ.