ޚަބަރު

މާފަންނު ކޯސްޓްލައިން ހާޑްވެއާރ ފިހާރައިގައި އަލިފާންރޯވެއްޖެ


20:07- ކޯސްޓްލައިން ހާޑްވެއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވާކަމަށް ޕީއެސްއެމްގެ ރިޕޯޓަރ ބުނެއެވެ. އަަލިފާންގަނޑު ކޮންޓްރޯލްވެފައިވާއިރު ކޯސްޓްލައިން ހާޑްވެއާރ ފިހާރައިގެ ސްޓްރަކްޗަރ ފިޔަވައި އެހެން އެއްޗެއް ފެންނާކަށް ނެތެވެ. އެސަރަޙައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުރިކަމަށްވެސް ޕީއެސްއެމްގެ ރިޕޯޓަރ ބުނެއެވެ. 

19:53- އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ނިންމަވައިފިއެވެ. 

19:49- ކޯސްޓްލައިން ހާޑްވެއާގައި ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ފެތުރެމުން ނުދާކަމަށް ޕީއެސްއެމްގެ ރިޕޯޓަރުން މަޢުލޫމާތުދެއެވެ. އަދި ކޯސްޓްލައިން ހާޑްވެއާގައި ރޯވެފައިވާ އަލިފަންގަނޑުގެ ބޮޑު ބައި ނިއްވާލެވިފައިވާކަމަށް ރިޕޯޓަރުން މަޢުލޫމާތުދެއެވެ. 

img:http://s2.psmnews.mv/images/660x400/14609916086211.jpg|އަލިފާން ރޯވެފައިވާ ކޯސްޓްލައިން ހާޑްވެއާރ ފިހާރަ / ފޮޓޯ: ޕީއެސްއެމް

19:29- އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ދަނީ ބައްދަލުކުރައްވަމުންނެވެ. 

19:25 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންވެސް އަލިފާން ނިއްވާލުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

img:http://s3.psmnews.mv/images/660x400/14609907968999.jpg|އަލިފާން ނިންވާލުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާ މަޑުކޮށްލައްވައިގެން

19:12- އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވަޑައިގެންފިއެވެ. 

19:10- ހުޅުލޭގައި އަލިފާން ނިންވަން ބޭނުންކުރާ އަލިފާން ނިވާ ލޮރީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގެނެސްފިއެވެ، މިލޮރީއަކީ އަލިފާން ނިވުމަށް ފޯމްއެއް ބޭނުންކުރާ ލޮރީއެކެވެ.

img:http://s3.psmnews.mv/images/660x400/14609889271813.jpg|އަލިފާނުގެ ހާދިސާ ހިނގި ކޯސްޓްލައިން ހާޑްވެއާ / ފޮޓޯ: ޕީއެސްއެމް

19:08- އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަޑައިގެންފިއެވެ، އެމަނިކުފާން ދަނީ އެސަރަހައްދުގައި ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވަމުންނެވެ. 

19:02- މިހާތަނަށް 16 މީހަކު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރައްވާފައިވާކަމަށް އެސެންޓަރުން މަޢުލޫމާތުދެއްވައެވެ. 

img:http://s2.psmnews.mv/images/660x400/14609883691953.jpg|އެއަރޕޯޓްގައި އަލިފާން ނިއްވާލުމަށް ބޭނުންކުރާ ވެހިކަލް މާލެ ގެނައުމުގެ މަގުމަތީގައި

19:00- އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް އެހީއެއް ބޭނުންފުޅުވާނަމަ 115 އަށް ގުޅުއްވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ. 

18:53- އަލިފާން ރޯވެފައިވާ ސަރަހައްދުން އާއްމުން ދުރަށް ދިއުމަށް ފުލުހުންނާއި ސިފައިން އަދި ކަމާއިބެހޭ މުއައްސަސާތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ، 

img:http://s3.psmnews.mv/images/660x400/14609874397628.jpg|އަލިފާން ރޯވެފައިވާ އިމާރާތް / ފޮޓޯ: ޕީއެސްއެމް

18:45- ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމްކުރައްވައިފިއެވެ. އަދި އެސެންޓަރަށް އަލިފާނުގެ ހާދިސާގެ ސަބަބުން ގެތަކުން ނިކުތް ބައެއް ފަރާތްތައް ވަނީ ގެންގޮސްފައެވެ. 

18:38- ކޯސްޓްލައިން ހާޑްވެއާރ ޢީމާރާތަކީ ޓީނާއި ދަގަނޑު ހޮޅި ބޭނުންކޮށްގެން ހަދާފައިވާ ޢިމާރާތެއްކަމުން، އަލިފާންރޯވެ އަނދާ ހުލިވުމުގެ ސަބަބުން މިހާރު ފެންނަން ހުރީ ޢިމާރާތުގެ ތޮށިގަނޑެވެ. އަދިވެސް ފިހާރަ އެތެރޭގައި އަލިފާންގަނޑު ވަރަށް ގަދައަށް ވަނީ ހިފާފައެވެ.  

18:20- އަލިފާނުގެ ސަބަބުން ގެތަކުން ނެރުނު ފަރާތްތައް، ސަލާމަތީ ސަރަހައްދުތަކަަށާއި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފަށްޓަވައިފިއެވެ. އަދި އެސަރަހައްދުގައި ހުރިހާ ގެތަކުން މީހުން ނިކުތުމަށް އެސެންޓަރުން އިލްތިމާސްކުރައްވައެވެ. މިހާތަނަށް އައިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށްވެސް އެސެންޓަރުން މަޢުލޫމާތުދެެއްވައެވެ. 

img:http://s4.psmnews.mv/images/660x400/14609856172586.jpg|އަލިފާނުގެ ހާދިސާ ހިނގި ކޯސްޓްލައިން ހާޑްވެއާ / ފޮޓޯ: ޕީއެސްއެމް

18:13- އަލިފާން ކޮންޓްރޯލް ކުރެވޭނެކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ރިޕޯޓަރުން މަޢުލޫމާތުދެއެއެވެ. 

18:10- އަލިފާން ރޯވެފައިވާ ފިހާރައިގެ އިރުމައްޗަށް އަލިފާންގަނޑު ދަނީ ފެތުރެމުންކަމަށް ރިޕޯޓަރުން މަޢުލޫމާތުދެއްވައެވެ. އަދި ކަނޑަށް ހޮޅި ގުޅައިގެން އަލިފާން ނިންވާލުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. 

img:http://s4.psmnews.mv/images/660x400/14609854337062.jpg|އަލިފާން ރޯވެފައިވާ ކޯސްޓްލައިން ހާޑްވެއާރ ފިހާރަ / ފޮޓޯ: ޕީއެސްއެމް

18:05- ކޯސްޓްލައިން ފިހާރައިގައި ރޯވި އަލިފާންގަނޑުގައި އެފިހާރު މިހާރު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އަދި ކުރިމަތީގައި ހުރި ގޭގައިވެސް މިހާރު އަލިފާން ރޯވެފައިވާކަމަށް ޕީއެސްއެމްގެ ރިޕޯޓަރުން މަޢުލޫމާތުދެއްވައެވެ.  

17:57- އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދިވެސް އަލިފާންގަނޑު ވަރަށް ބޮޑަށް ހިފާފައި ހުރުމުން، އަލިފާންގަނޑު ކޮންޓްރޯލްކުރެވޭ ވަރެއް އަދިވެސް ނުވެއެވެ. އަލިފާން ނިންވާލުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުންނާއި އަދި އާއްމުންގެ ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. 

img:http://s2.psmnews.mv/images/660x400/14609841874263.jpg|އަލިފާނުގެ ހާދިސާ ހިނގި ކޯސްޓްލައިން ހާޑްވެއާ / ފޮޓޯ: ޕީއެސްއެމް

17:45- ކޯސްޓްލައިން ހާޑްވެއާ ފިހާރާ ހުންނަ ޢިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލްއެއް ނުވެއެވެ. ޢިމާރާތުގެ ތެރެއިން ބައެއް އެއްޗެހި ގޮވަމުންދާކަމަށް އަޅުގަނޑުމެންގެ ރިޕޯޓަރުން މަޢުލޫމާތުދެއެވެ. އަދި ވަށައިގެންހުރި ޢިމާރާތްތަކަށް އަލިފާންގަނޑު ފެތުރެމުންދާކަމަށްވެސް މައުލޫމާތުލިބެއެވެ. 

17:40- އެސަރަހައްދުގައި ދިރިއުޅެމުންދާ މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުންނާއި ސިފައިންދަނީ އިލްތިމާސްކުރަމުންނެވެ. އަލިފާން ރޯވެފައިވާ ޢިމާރާތާއި އިންވެގެން ހުރި 2 ފިހާރައަކާއި ޢިމާރާތެއްގައި އަލިފާން ރޯވެފައިވާކަމަށް ޕީއެސްއެމްގެ ރިޕޯޓަރުން މަޢުލޫމާތުދެއެވެ، ނަމަވެސް އެއަލިފާންގަނޑުތައް ކޮންޓްރޯލް ކުރެވިފައިވާކަމަށް ރިޕޯޓަރުން މަޢުލޫމާތުދެއެއެވެ. 

17:00- ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަވީރު 16:33 ހާއިރުކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14609829179382.jpg|އަލިފާނުގެ ހާދިސާގައި މަގުމައްޗަށް ބައެއް ތަކެތި ރޯވެގެން ފައިބާފައި / ފޮޓޯ: ޕީއެސްއެމް

16:38- މާފަންނުގައި ހުންނަ ކޯސްޓްލައިން ހާޑްވެއާރ ފިހާރަ ހުންނަ ޢިމާރާތުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. 

ފުލުހުން އަދި ސިފައިން ދަނީ ރޯވެފައިވާ އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. އަލިފާނުގެ ސަބަބުން އެސަރަޙައްދުގައި ވަނީ ވަރަށް ބޯ ދުންގަނޑެއް އުފެއްދިފައެވެ. އެސަރަހައްދުގައި ހުރި ގެތަކުގައި އުޅޭ މީހުން މިހާރު ދަނީ ގެތަކުން ނިކުންނަމުންނެވެ. 

img:http://s3.psmnews.mv/images/660x400/14609822721171.jpg|އަލިފާން ރޯވެފައިވާ އިމާރާތް / ފޮޓޯ: ޕީއެސްއެމް

އިތުރު ތަފްސީލް އަންނަނީ.....