ތ. އަތޮޅުގެ ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލައި، އެއް ފަސްވުމުން ކިނބިދޫގައި ދިރިއުޅޭ ކުދިންނަށް ވެސް މަތީ ތަޢުލީމު ހާސިލް ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިހާރު ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ. ކިނބިދޫ، ނަރުގިސް ވިލާ، ޢާއިޝަތު ވަސީލާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަސީލާ ވަނީ ކިނބިދޫގައި ގްރޭޑް 10 ނިންމާ ދަރިވަރުން ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ގްރޭޑް 12އާ ހަމައަށް ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ ވަސީލަތްތަކާއި ފުރުސަތު ކިނބިދޫގައި ނެތް ނަމަވެސް ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ދެ ރަށް ގުޅާލުމުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށާއި ތައުލީމީ ދާއިރާއިން ވެސް ފައިދާތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ތަރައްގީގެ މަޝްރޫއުތަކުން ވޭމަންޑޫއާ މި ރަށް ގުޅާލުމުން އެއްކަމަށް އޭރަށް އެއްގަމުން މަގުން ދެވޭނެ އެރަށަށް. އޭރަށް އެއްފަސްވީ. އެއްފަސްވީމަ ލިބޭނެ ފައިދާތައް ހުންނާނެ. ތަޢުލީމު ހާސިލް ކުރުމުގައިވެސް. އެހެންވީމަ އެއީ އެއްގޮތް އަޅުގަނޑު ވިސްނާ ތިކަން (މަތީ ތަޢުލީމާ ގުޅިގެން ހުރި ކަންކަން) އިސްލާހުކުރަން، ދެން އެހެން ގޮތްގޮތްވެސް ވިސްނާނަން. ޕޮއިންޓަކީ ތި ބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ ހާސިލް ކުރާނަމޭ ވީހާވެސް އަވަހަކަށް" ރައީސް ވިދާޅުވިއެވެ.
ކިނބިދޫއާއި ވޭމަންޑޫ ގުޅުވާލުމުން އާބާދީ އިތުރުވެ އެހެން ރަށްރަށުން ކިޔަވަން ބަދަލުވާ ދަރިވަރުންނާއެކު ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅުވާލުމަކީ ކިނބިދޫގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ. ކުރީ ސަރުކާރުން ވެސް އެ ދެ ރަށް ގުޅާލަދޭނެކަމަށް ވަޢުދުވި ނަމަވެސް އެކަން ނުވެ އޮތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެ ކަމުގެ ކަންބޮޑުވުން ރައީސް ޑރ. މުޢިއްޒުއާ ހިއްސާ ކުރައްވާފައެވެ.
ރައީސް ތ. އަތޮޅަށް މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި ކިނބިދޫއަށް ވަޑައިގެން، އެ ރަށާއި ވޭމަންޑޫއާ ގުޅާލާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ދެ ރަށް އެއްފަސްކުރުމަށްފަހު އިގްތިސާދީ ގޮތުން ދެ ރަށް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.