ޚަބަރު

އަލިފާނުގެ ޙާދިސާއާ ގުޅިގެން ޙާލުގައި ޖެހުނު މީހުންނަށް އެހީވުން


ކޯސްޓްލައިން ހާރޑްވެއަރގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ޙާލުގައިޖެހުނު ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިއްޔެގެ ޙާދިސާއާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވަނީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކުރައްވައި، ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ފަށްޓަވާފައެވެ. ކޯސްޓްލައިން ހާރޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން 72 މީހުން ގެސްޓް ހައުސްތަކަށް ބަދަލުކުރައްވައި އިތުރު 15 މީހަކު މިހާރުވެސް ގެސްޓް ހައުސްތަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައެވެ.

އިއްޔެ ހަވީރު ހިނގި ހާދިސާއާ ގުޅިގެން ވަގުތުން ވަގުތަށް ރައްކާތެރިކަން ދޭންޖެހުނު މީހުންނަށް ސަރުކާރުގެ ޚަދަރުގައި ދިރިއުޅެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަވަމުން ގެންދެވިކަމަށާއި އަދި ބައެއް ފަރާތްތަކުން އެވަގުތު އަމިއްލަޔަށް ރައްކާތެރި ތަންތަނަށް ބަދަލުވިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއްވައެވެ. އެގޮތަށް ބަދަލުވި ފަރާތްތަކަށްވެސް ސަރުކާރުގެ އެހީ ފޯރުކޮށްދެއްވާފައިވާ ކަމަށާއި އަދި އެފަދަ ފަރާތްތައް މިހާރު ސަރުކާރުން ފޯރުކޮށްދޭ ހިޔާވަހިކަމަށް ބަދަލުކުރަމުންދާކަން އެ ސެންޓަރުން މަޢުލޫމާތުދެއެވެ. އިއްޔެ އަލިފާނުގެ ޙާދިސާއާ ގުޅިގެން 8 ގޭބިސީއަކުން ރައްކާތެރި ތަންތަނަށް މީހުން ބަދަލުކުރައްވަން ޖެހިވަޑައިގެންނެވިކަމަށް އެ ސެންޓަރުން ފާހަގަކުރައްވައެވެ. އަދި 2 ގެއަކަށް ލިބިފައިވާ ގެއްލުން ބޮޑުކަމުން އެ 2 ގޭގެ މީހުނަށް ދިގުމުއްދަތަކަށް ބޯހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ލަފާކުރައްވައެވެ. އެހެންނަމަވެސް މިވަގުތު ބައްލަވަމުން ގެންދަވަނީ އެ ސެންޓަރުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ކާބޯތަކެތި ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށްކަމަށްކަން ޑިޒާސްޓާރއިން ފާހަގަކުރައްވައެވެ.

ކޯސްޓްލައިން ހާރޑްވެއަރގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރި ތަންތަނަށް ބަދަލުވާންޖެހުނު ފަރާތްތައް މާލެއިން ރަނގަޅު ފެންވަރުގެ ގެސްޓްހައުސްތަކުން ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީ އެމީހުން ޢާންމު ޙާލަތަކަށް ދެވެންދެން މޮނިޓަރ ކުރައްވަމުންދާނެކަންވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.