ޚަބަރު

ކުރީ ސަރުކާރުން 25 ރުފިޔާގެ ރޭޓުން މަސްވެރިންނަށް އެއްވެސް ފައިސާ ދޫކޮށްފައިނުވޭ: ޝިޔާމް


  • ކުރީ ސަރުކާރުން މަސް ގަންނަ އަގު ބޮޑު ކުރީ ސިޔާސީ ބޭނުމަށް

  • 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެގޮތް ހެދުމަށް މަސައްކަތް ދަނީ ކުރަމުން

  • 270 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބަހުރި

ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރި ނަމަވެސް ދައުރު ނިމުނުއިރު ވެސް އެ ރޭޓުގައި މަސްވެރިންނަށް އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޝިޔާމުގެ ވާހަކައިގައިވަނީ މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް މިހާރު ބަދަލު ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އެ އަދަދު 500 މިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކަރާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަން ރުފިޔާ ހުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މިހާރު ކުރަމުންދަނީ އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 270 މިލިއަން ރުފިޔާ ނުދެވިހުރިކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިން ބޭނުންވަނީ އެ ފަރާތްތަކުން ކިރުވާ މަހަށްވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އޭރު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ކުރި ފަހުން ކުރީ ސަރުކާރުން ނިމިދޔަ އިރުވެސް 25 ރުފިޔާގެ އަގުގައި މަސްވެރިންނަށް ފައިސާ އެއްވެސް ވަރަކަށް ނުދެވޭކަން އަޅުގަނޑު ފާހަގަކުރަން."

"މަސްވެރިން މިއަދު މިތިބަ ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް މިއީ. ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާތީއާއެކީގައި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ނެތީތީވެ، މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އަގަކަށް އަޅުގަނޑުމެން މިގެނައީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު އޮތް ބެކްލޮގް ފިލުވާލައި މާޗު މަހުން ފެށިގެން ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ކުރިއަށް އިންތިޚާބެއް އޮތްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މަހުގެ އަގު ކުޑަކުރަން ސަރުކާރުން ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ ނިޔަތް ރަނގަޅުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އެގޮތަށް ނިންމެވީ މިފްކޯ ބަނގުރޫޓުވިޔަ ނުދިނުމަށް ކަމަށާއި އޭގެ ސަބަބުން މަސްވެރިންގެ ހާލަތު ރަނގަޅުވެގެންދާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.