ޚަބަރު

ވަރޓިކަލް ފާމިންއަކީ ރާއްޖެފަދަ ބިން ކުޑަ ޤައުމަކަށް އެންމެ އެކަށީގެންވާ ނިޒާމު: ޑރ.ރަމީލާ


  • ޕައިލެޓް ޕްރެޖެކްޓްގައި 3 ވައްތަރެއްގެ މޮޑެލް ބޭނުންކުރޭ

  • މިއީ ހަފްތާ 14ގައި ހިމެނޭ މަސައްކަތެއް

  • ތަޖުރިބާކުރުމަށްފަހު ވިޔަފާރީގެ ގޮތުގައި ފަށާނެ

ކުދި ބިންތަކުގައި ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ގަސް އިންދުމުގެ ނިޒާމު ވަރޓިކަލް ފާމިންއަކީ ރާއްޖެ ފަދަ ބިން ކުޑަ ޤައުމަކަށް އެންމެ އެކަށީގެންވާ ނިޒާމުކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ.އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކުލަވާލާފައިވާ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވަގެން ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާ އެންމެ މުހިންމު މަސައްކަތެވެ.

ހަނިމާދޫ އެގްރި ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި "ވަރޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް" އިފްތިތާޙުކޮށްދެއްވީ ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ.

އަޖުމަ ބެލުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ރަމީލާ ވިދާޅުވީ، ދަނޑުވެރިކަމުގެ އާ އިޖާދީ ގޮތްތައް ރާއްޖެއަށް ތަޢާރަފުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި ވަރޓިކަލް ފާމިންގެ މި ޕައިލެޓް ޕްރޮޖެކްޓްގެ ބޭނުމަކީ، ރާއްޖެ ފަދަ ބިން ކުޑަ ޤައުމަކަށް، ވަރަށް އެކަށީގެންވާ ނިޒާމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަރޓިކަލް ފަރމިންގެ 4 މޮޑެލްއެއް އެގްރި ސެންޓްރުގައި ތަޖުރިބާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ވަޒީރު ވިދާޅުވީ ތަޖުރިބާ ކުރާ މޮޑެލްގެ ތެރެއިން ރާއްޖެއަށް އެންމެ އެކަށީގެންވާ މޮޑެލްތައް ބަލާ، ވިޔަފާރީގެ ގޮތުގައި ވަރޓިކަލް ފަރމިން ރާއްޖޭގައި ފުޅާކުރައްވާނެކަމަށެވެ.

"މި ތަޖުރިބާ ކުރާ މޮޑެލްތަކުގެ ތެރެއިން އެންމެ ރަނގަޅު މޮޑެލް ރާއްޖޭގެ ދަނޑުވެރިކަމަށް ތަޢާރަފްކޮށް، އެކަމަށް ބޭނުންވާ ސެޓަޕްތަކާއި ތަމްރީން ދަނޑުުވެރިންނަށް ލިބޭނެ މަގު ފަހިކޮށްދޭނަން. އަދި ވިޔަފާރީގެ ގޮތުގައި ފުޅާކުރުމަށް ލޯނުގެ ފުރުޞަތުތައްވެސް ދަނޑުވެރިންނަށް ދޭނަން." ޑރ.ރަމީލާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސެޓަޕްތައް ހެދުމަށް ދޭ އެހީގެ އިތުރުން ދެމެެހެއްޓެނިވި ގޮތެއްްގައި މަސައްކަތް ކުރުމަށް ބޭނުންވާ އެހީވެސް ފޯރުކޮށްދޭނެކަމަށެވެ.

މި ޕްރޮޖެކްޓްގައި ފުރަތަމަ ހައްދަނީ އެކި ބާވަތުގެ ފަތާއި ތަރުކާރީގެ ބާވަތްތަކެވެ. އަދި ހައުޑްރޮފޯނިކްސް އަދި އެއިރޮފޯނިކްސް ސިސްޓަމްގައި ހައްދާ މިބާވަތްތައް މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމަށާއި އިތުރު ބާވަތްތައްވެސް އެ ސިސްޓަމްތަކުގައި ހައްދާ ތަޖުރިބާ ކުރާނެކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.