ޚަބަރު

ތ. ވަންދޫއާއި ދ. ހުޅުދެލީގައި ޕޮލިސް ޕޯސްޓު ހުޅުވައިފި


  • ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު

  • ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ދިނުން މުހިންމު ކަމަށް ވިދާޅުވި

ތ. ވަންދޫއާއި ދ. ހުޅުދެލީގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މި ދެ ރަށުގެވެސް ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

ތ. ވަންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ މަދުންނަމަވެސް ވަންދޫގައި ހިނގާ ކުށްތަކާއި އަލަށް ތައާރަފުވުމަށް ފުރުސަތު އޮތް ކުށްތަކުން އެރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކުރުންކަމަށް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ގާނޫނު ދެމެހެއްޓުން ކަމުގައި ވިދާޅުވިއެވެ.

ހުޅުދެލީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ދިވެހިރާއްޖެއަކީ ކުށް ދައުރުވުން އެހެން ގައުމުތަކާ އަޅައިބަލާއިރު ހަލުވި ގައުމަކަށްވީތީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ހިދުމަތް ދިނުން މުހިންމުކަމަށެވެ. އަދި ދާހިލީ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނުނު ތަންފީޒްކުރުވައި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދޭ މަރުކަޒެއް ހުޅުވައި ޚިދުމަތް ދިނުމަށް ފުލުހުންގެ ގާނޫނު ލާޒިމުކުރާކަމަށް ވިދާޅުވިއެވެ.