ސިޔާސީ

މަޖިލިސް އިންތިޚާބު އޮބްޒާވްކުރުމަށް މިހާތަނަށް ލިބުނީ 66 ހުށައެޅުން: އިލެކްޝަންސް


  • އަމިއްލަ ގޮތުން 25 ހުށަހެޅުން

  • އެއް ޕާޓީއަކުން 41 ހުށައެޅުން

  • މޮނިޓަރުންގެ ގޮތުގައި 9 މީޑިއާއަކުން 122 ހުށަހެޅުން

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމަށްޓަކައި މިހާތަނަށް 66 ހުށައެޅުން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށް އިންތިޚާބު އޮބްޒާވްކުރުމަަށް ޖުމުލަ 66 ހުށަހެޅުން ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ 25 ފަރާތަކާއި ސިޔާސީ އެއް ޕާޓީއަކުން ހުށަހަޅާފައިވާ 41 ފޯމް ކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ.
މީގެ އިތުރުން އިންތިޚާބު މޮނިޓަރކުރުމަށް 9 މީޑިއާއަކުން 122 ހުށަހެޅުން ލިބިފައިވާކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ.

މަޖިލިސް އިންތިޚާބު އޮބްޒާވުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށައެޅުމުގެ މުއްދަތު މާދަމާ 3:00އަށް ހަމަވާނެއެވެ. މިމުއްދަތު އިތުރު ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މޮނިޓަރުންގެ ގޮތުގައި ތިބި މީޑިޔާ ތަކުންނާއި އޮބްޒާވަރުންނާއި ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުންނާއި، ފަރުދީގޮތުން ކުރިމަތިލާން ބޭނުންވާ މީހުން ސުންގަޑި ހަމަވުމުގެ ކުރިން ފޯމް ހުށައެޅުމަށް އިލްތިމާސްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީގެން ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަން ކުރިން ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށް 10 ޤައުމެއްގެ 20 މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު ދެއްވާފައިވާކަމަށެވެ. އަދި 5 ޖަމްޢިއްޔާއަކުން 10 މީހަކަށް ފުރުޞަތު ދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ބޭރުގެ 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު ދެއްވިއެވެ.