ޚަބަރު

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް: ރައީސް


  • ސަރުކާރުން އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާނެ

  • މިހާރު ކުރިއަށްދަނީ ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް

ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން އާއްމުންގެ މީހަކު އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހުޅުމާލެއަށް ނިސްބަތްވާ އައިމިނަތު ލީލާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުން ބޭނުންވާނަމަ ގުޅީފަޅުން ނުވަތަ ހުޅުމާލެއިން ގޯތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ގުޅޭ ގޮތުންނެވެ.

ލީލާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް ބޭފުޅުން އެސުވާލު ކުރަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމާމެދު ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނުނިންމާކަމަށާއި، ނަމަވެސް އެކަމަށް ވަކި ސިޔާސަތެއް މިހާތަނަށް ކަނޑައަޅާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތި ސުވާލު އަޅުގަނޑުމެންނަށް އެބަ ކުރިމަތި ކުރައްވާ ބައެއް ބައެއް އެހެން ބޭފުޅުންވެސް. ގިރާވަރުފަޅުން ގޯތިލިބުނު ބައެއް ބޭފުޅުން ހަމަ ތިސުވާލް އެބަ ކުރައްވާ. އަދި ތިކަމަށް ވަކި ގޮތެއް ނުނިންމޭ. ތިކަމަކީ ހަމަ ފުރުސަތު އޮޮތް ކަމެއް ނަމަވެސް އަދި ސިޔާސަތެއް ކަނޑަނޭޅޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގިރާވަރުފަޅުން ގޯތިލިބުނު މީހުންނަށް ގުޅީފަޅުން ގޯތިދޭއިރު އެތަނުން ގޯތި ދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޭން ނިންމައި، ބައެއް ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައިވާއިރު، ގޯތި ދޭނެ ބިން ހިއްކާފައެއް ނުވެއެވެ. އަދި ހިއްކާފައިވާ ބިމުގައިވެސް ކަރަންޓާއި ފެންފަދަ އަސާސީ ހިދުމަތެއްވެސް ލިބޭނެ ގޮތެއް ނެތްކަން ސަރުކާރުން ފާހަގަކުރެއެވެ.