ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ އަހުމަދު ފަޔާޒް އަލީއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅުއްވައިފިއެވެ.
ދައުލަތުން އަހުމަދު ފަޔާޒާއި ދެކޮޅަށް އުފުއްލަވާފައިވަނީ އަދުލް އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާ ސާބިތުކުރެއްވުމަށް ދައުލަތުން ވަނީ ސިއްރު ހެކީގެ ގޮތުގައި 2 މީހަކާއި އެކު ޖުމްލަ 12 މީހަކު ހެކިންގެ ގޮތުގައި ހުށައަޅުއްވާފައެވެ. އަދި އޭގެ އިތުރުން އެ ދުވަހުގެ ހާދިސާއަށްފަހު ކަން ހިންގި ގޮތް ދައްކައިދޭ ފޮޓޯ ޕްރެޒެންޓޭޝަނެއްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅުއްވާފައިވެއެވެ.
ދައުލަތުގެ ދައުވާތަކަށް އިންކާރު ކުރައްވަމުން އަހުމަދު ފަޔާޒް ވިދާޅުވީ އެ ދުވަހު އޭނާ ކުރެއްވި ކަމެއް ކުރެއްވީ އޭނާގެ މައްޗަށް ތިއްބެވި ވެރިން ކުރެއްވި އަމުރުތަކަށް ކަމަށެވެ. އަދި މި މައްސަލައިގައި ދައުލަތުން ދައުވާކުރައްވާ ސިފައިންގެ 2 މީހުންގެ މައްޗަށް ދައުވާ ކުރެވިދާނެކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި އެމީހުން ކުރިކަމެއް ކުރީ އޭނާގެ އެންގެވުމަށް ކަމަށްވެސް ފަޔާޒު މިއަދު ކޯޓްގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކުރައްވާ ސިފައިންގެ ދެމީހުންނަކީ ސ. ފޭދޫ ބުލްބުލް އަހުމަދު ތިހާމާއި މާލޭ ދަފްތަރު މޫސާ ޒަމީރަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާއި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ ނަން، ދިފާއީ ހެކިންގެ ގޮތުގައި އަހުމަދު ފަޔާޒު މިއަދު ހުށައަޅުއްވާފައިވެއެވެ.