ޚަބަރު

ރިޔާސީ ލޯންޗްކޮޅުގެ މައްސަލައިގެ ލިޔުންތައް ކޯޓަށް ހުށައެޅުމަށް


ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އޭނާގެ 2 ބޮޑީގާޑުންގެ މައްޗަށް ދައުލަތުން ދައުވާ ކުރައްވާ ޓެރަރިޒަމް މައްސަލައާއި ގުޅުން ހުރި ލިޔުންތައް 3 ދުވަހުގެ ތެރޭގައި ކޯޓަށް ހުށައެޅުމަށް ޕީޖީ އޮފީހަށް ކްރިމިނަލްކޯޓުން އަންގަވައިފިއެވެ.

ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި އަހުމަދު އަދީބާއި އޭނާގެ 2 ބޮޑީގާޑުން ކަމަށްވާ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އެ 3 މީހުންވެސް މިއަދު ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ދައުވާއަށް ޖަވާބުދާރީވުމާއި ދެ ފަރާތުން ހެކިން ހުށައެޅުމެވެ. ދައުވާއަށް ޖަވާބުދާރީވަމުން އަހުމަދު އަދީބްގެ ވަކީލް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ކުރީ ދުވަހު އަހުމަދު އަދީބުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވެސް އެލޯންޗްކޮޅު ބޭނުންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނާއި ތަހުޤީޤަށް ހާޒިރުކޮށް އެއްވެސް ބަޔާނެއް މިހާތަނަށް ނަންގަވާފައިނުވާތީ މީ ތަހްގީގު ފުރިހަމަވެފައިނުވާ މައްސަލައެއް ކަމަށް އަދީބުގެ ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ލިޔުންތައް ލިބިފައިވާ ނުވާކަމަށް ބުނެ ހެކިން ހުށައެޅުމަށް ދަތިކަމަށް ދިފާއި ވަކީލުން ބުނުމުން ކަމާއި ގުޅުންހުރި ލިޔުންތައް 3 ދުވަހުގެ ތެރޭގައި ކޯޓަށް ހުށައެޅުމަށް ދައުލަތަށް އަންގަވާފައިވެއެވެ. އަދި އެ ލިޔުންތައް ލިބުމުން ދައުލަތުން ސިއްރުކުރަން އެދޭ ލިޔުންތައް ނެގުމަށްފަހު ދެން ހުރި ލިޔުންތައް ދިފާއީ ވަކީލުންނާއި ހަވާކޮށްދޭނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.