ޚަބަރު

އީއީޒެޑުގެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން އަމަލުކުރިގޮތުން ދައުލަތަށް ތަކުލީފު ބޮޑު: އޭޖީ


  • މައްސަލައިގެ ފުރަތަމަ މަރުޙަލާތަކުގައި ކުރީ ސަރުކާރުން ކަންކުރީ ޒިންމާދާރުކަން ކުޑަކޮށް

  • ނެގެން ހުރި ގިނަ ދިފާޢުތަކެއް ނަގާފައެއް ނުވޭ

  • ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ރާއްޖެއިން ބޭރުންވެސް ޤާނޫނީ ލަފާ ހޯއްދެވި

ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި ހޯދުމުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތް ފާހަގަކުރައްވާ ބަންޑާރަނައިބްގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް ޢައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ލިބިފައިވާކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ޤާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓްވެސް ލިބިފައިވާކަމަށް ބަޔާނުގައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ އީ.އީ.ޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ނިމިދިޔަ ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުޙަލާތަކުގައި ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށްކަން ހާމަވެފައިވާކަމަށެވެ. އަދި އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާޢުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާކަމަށްވެސް އެ އޭޖީން ވިދާޅުވެއެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވީ ކަނޑުގެ މައްސަލާގައި ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމެވެ.

ބަންޑާރަނައިބްގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި އިޓްލޮސްއިން އެ މައްސަލަ ނިންމުމުގައި ރިޢާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެއަށް ޢަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫން ކަމަށެވެ. އަދި ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ޚިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއްކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމާ މެދު ގާނޫނީ ސުވާލުތަކެއް އުފެދޭ ކަމަށް ޚަބީރުން ލަފާދެއްވާފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދަން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.